ޔަމަންގައި ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިންގެ ލީޑަރު މުހުސިން މުހައްމަދު އަލް-ގުރާބީ އާއި ހޫތީންގެ އިތުރު ހަނގުރާމަވެރިންތަކެއް މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީންގެ ލީޑަރާއި އިތުރު 35 ހަނގުރާމަވެރިން މަރާލާފައި ވަނީ ޔަމަންގެ އަލް ޖޯފް ސަރަހައްދަށް ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައެވެ. މިހަމަލާ ދީފައި ވަނީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަންގެ ހަނގުރާމަވެރިންނަށް ހަމަލާތައް ދެމުން ގެންދާ ލަޝްކަރުން ވައިގެ މަގުންނެވެ.

މިހަމަލާގައި ހޫތީންގެ އިސް ލީޑަރެއް ކަމަށްވާ އަބޫ ޖިހާދް އަލް-ހަމްޒާ ވެސް މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅިފައިވާ ލަޝްކަރުން ބުނީ ބުރާސްފަތި ދުވަހު ދިން ހަމަލާގައި ހޫތީން ވައިގެ އުޅަނދުތަކަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ހަތިޔާރުތަކެއް ވެސް ހަލާކު ކޮށްލެވިފައިވާ ކަމަށެވެ. އަދި އަލް ޖޯފް ސަރަހައްދަށް ހަތިޔާރާއި ހަނގުރާމަވެރިންނަށް ބޭނުންވާ ސާމާނުތަކެއް އުފުލަމުން ދިޔަ އުޅަނދުތަކަށް ހުކުރު ދުވަހު ހެނދުނު ވައިގެ މަގުން ހަމަލާދީ އެއުޅަނދުތައް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ގުޅިފައިވާ ލަޝްކަރުން ބުނެއެވެ.