އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ އެމެރިކާގެ ރައީސްކަން ކުރައްވާ އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ. އެހެންކަމުން އެމެރިކާގެ އެހެން ރައީސުންނަށް އާއްމުކޮށް ދިމާނުވާ ހަނދާން ނެތުމުގެ މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ އެހެން ބައެއް މައްސަލަތައް ބައިޑެންއަށް ދިމާވުމަކީ ވަރަށް އާއްމު ކަމަކަށް ވަނީ ވެފައެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ހާދިސާއެކެވެ.

އެމެރިކާގެ ފްލޮރިޑާގައި އިމާރާތް ވެއްޓުނު ހާދިސާގައި ހަތަރު މީހުން މަރުވެ 159 މީހަކު ވަނީ ގެއްލިފައެވެ.

ނަމަވެސް އެމެރިކާގެ ރައީސް ބައިޑެން، ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކާ ނިންމާލިއިރު ވެސް ހިނގައިގެން އުޅޭ ބޮޑު ހާދިސާ އާއި ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ވިދާޅެއް ނުވެއެވެ. އެންމެ ފަހުން ވާހަކަފުޅު ނިންމަވާލެއްވުމަށް ފަހު ޕޯޑިއަމާއި ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވަން ފެއްޓެވުމުން ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ބައިޑެންގެ އަރިހަށް ޖެހިވަޑައިގެން އިމާރާތެއް ވެއްޓިގެން އުޅޭކަން ހަނދާން ކޮށްދެއްވާފައެވެ.

ފްލޮރިޑާގެ ހާދިސާ ހަނދާން ކޮށްދެއްވުމުން ބައިޑެން ވިދާޅުވީ "އޯހ. އާން. އަޅުގަނޑު މާފަށް އެދެން. އާނ ޝުކުރިއްޔާ ނައިބު ރައީސް."

ބައިޑެން ދެން ވިދާޅުވީ ފްލޮރިޑާގެ އިމާރާތެއް ވެއްޓުނު ހާދިސާގައި ގެއްލިފައިވާ މީހުން ހޯދައި އިމާރާތުގެ ބައިތައް ނެގުމަށް ފެޑްރަލް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ. ސަރުކާރުން މަޑުކުރަނީ ފްލޮރިޑާގެ ގަވަރުނަރު ރޮން ޑެސަންޓިސް ރަސްމީކޮށް ސަރުކާރުގެ އެހީއަށް އެދޭނެ ވަގުތަކަށް ކަމަށް ބައިޑެން ވިދާޅުވިއެވެ.

"އަޅުގަނޑު ފްލޮރިޑާގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެހީއެއް ބޭނުންވާނަމަ އެއެހީއެއް ފެޑްރަލް ސަރުކާރުން ފޯރުކޮށްދޭނެއޭ. އަޅުގަނޑުމެން މިތިބީ ފްލޮރިޑާ އިން އެހީއަށް އެދޭނެ ކަމަށް އުއްމީދުކޮށް ތައްޔާރީ ހާލަތުގައި." ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގައި އިމާރާތްތައް ވެއްޓުނަމީ ވަރަށް ނުހިނގާ ކަމެކެވެ. ފްލޮރިޑާގެ އައްސޭރިފަށުގައި ހުރި އިމާރާތް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަ ޒާލި

    ޝައިތާނީ ޑިމޮކްރަސީއަކީ އެއްވެސް ދެއުޅިއެއް ނެތް އެއްޗެއްކަން މި އެނގިގެންދަނީ. ހަތަރުސަތޭކަ މިލިޔަން ނީހުންގެ އާބާދީއެއް އޮވެފަ އެހާގިނަ ޕުރޮގެޝަނަލުންނާއި ޒުވާނުން ތިބޭއިރުވެސް އެ ޑިމޮކުރެސީއެއްގައި ކޮންމެފަދަ މޮޔަ ނޫނީ ސިނކުޑީގެ ބާރު ނިކަމެތިވެފައި ހުރި މީހަކައްވެސް ވެރިކަމައް އާދެވޭ ނިޒާމެއް ކިހިނެތް ބުއްދީގެ އަހުލުވެރިންނައް ގަބޫލު ކުރެވޭނީ. އެއީ ގެމްބުލިންއެއް ނޫންތޯ. ރާއްޖެއަށްވެސް ކުރިމަތިވެގެން މިއުޅެނީ ހަމަ މިކަހަލަ ކަންތައްގަނޑެއް.

  2. ބުރުގާ

    ތިހެން ޑޮނަލްޑް ޓުަރަންޕައް ކަމެއް ހަދާން ނެތުންނަމަ، މީޑިޔާތަކުން އޭނަޔާ ދިމާލައް ނުޖަހާކައް ޖޯކެއް ނޯންނާނެ.