އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރަކަށް ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ސާޖިދު ޖާވިދު އައްޔަން ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރުގެ މަގާމު ހުސްވީ އެގަމާމުގައި ހުންނެވި މެޓް ހެންކޮކް ކޮވިޑް-19 ގައިޑްލައިނާއި ހިލާފުވެ، އޭނާގެ މުވައްޒަފަކާއި ބަދުއަޙްލާގީ އަމަލެއް ހިންގި މައްސަލަ ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވުމާއިއެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ސާޖިދަކީ 2010 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހޯމް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމުން ސާޖިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރުގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދޭނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކަމަށް ވެސް ސާޖިދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ އިތުރުން ވެސް ސާޖިދު ކުރަން ޖެހިފައިވާ ވަރަށް ގިނަ މަސައްކަތްތައް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މުހިއްމު އެއްކަމަކީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އޯވަހޯލްކޮށް އެތަނުގެ މައްސަލަތައް ހައްލު ކުރުމެވެ. މީގެ އިތުުރުން ކޮވިޑްގެ ސަބަބުން އެހެން ބަލިތަކުގެ ބަލި މީހުންނަށް ފަރުވާ ނުދެވި އޮތް އޮތުމަށް ހައްލެއް ހޯދުމަކީ ވެސް އޭނާގެ މުހިއްމު މަސައްކަތަކަށް ވާނެއެވެ.

އުމުރުން 51 އަހަރުގެ ސާޖިދު އުފަންވީ ޕާކިސްތާންގެ ލާހޫރަށެވެ. ނަމަވެސް ވަރަށް ތުއްޕުޅުއިރު އާއިލާ އާއިއެކު އިނގިރޭސިވިލާތައް ހިޖުރަކޮށް ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ. އޭނާ މަތީތައުލީމް ހާސިލް ކުރައްވާފައި ވަނީ އިގްތިޞާދީ ދާއިރާ އިންނާއި ސިޔާސީ ދާއިރާ އިންނެވެ.

ސާޖިދު އިނގިރޭސިވިލާތު ސަރުކާރުގެ އިސް މަގާމަކަށް ފުރަތަމަ އަދާކުރެއްވީ ޓްރެޝަރީގެ ޖޫނިއާ މިނިސްޓަރުގެ މަގާމެވެ. އެއީ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ބޮޑުވަޒީރު ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިއުމަލާ

    އާ ! މުސްލިމު ނަމެއް1

  2. ހާމަ

    މުސްލިމު ނަމެއްކިޔަސް މުސްލިމަކަށް ނުވާނެ! އޭނާ ބުނެފައިވަނީ އޭނާގެ ގޭގައި އަޅުކަންކުރަނީ ހަމައެކަނި ނަސާރާދީނަށޭ އެއީއޭނާގެ އަންހެނުން ނަސާރޯ ދީނުގެމީހަކަށްވީތީ! ސީދާ ތިމާއަކީ މުސްލިމެއްނޫންކަމަށާއި ރާވެސްބޯކަމަށާއި އަދި އިސްރާއީލަށް ހިޖުރަކުރަން ތައްޔާރަށް ހުރިކަމަށާއި އެތަނުގެ ޔަހޫދީންގެ މުޤައްދަސު ތަންތަނަށް ފަލަސްތީނުމީހުން ރުޅިއަރުވަން ގަސްދުގައިގޮސްފައިވޭ! ދެން މިއީ ހޭޓްރެޑެއްނޫން! މީނާ މުސްލިމެކޭބުނީމާ އޭނާމިކަމުގައި ދެކޭގޮތް ހާމަކޮށްދިނީ!