އެމެރިކާގެ މިއާމީގައި ހުރި އިމާރާތެއް ވެއްޓި ގިނަ ބަޔަކު މަރުވި ހާދިސާ އާއި ގުޅޭ ގޮތުން ކޮންސްޕިރަސީ ތިއަރިސްޓަކު ތަފާތު ތުހުމަތެއް ކޮށްފިއެވެ.

ވެއްޓުނު އިމާރާތާއި ގުޅޭ ގޮތުން ކޮންސްޕިރަސީ ތިއަރިސްޓަކު ބުނީ އެއީ ބުރާސްފަތި ދުވަހު މަރުވި ޖޯން މެކާފީ އެމެރިކާ ސަރުކާރުގެ ކޮރަަޕްޝަނާއި ގުޅޭ ސިއްރު މައުލޫމާތުތަކެއް ރައްކާކޮށްފައި ހުރި އިމާރާތެއް ކަމަށެވެ.

މިތުހުމަތު ކުރި މީހާ ބުނާ ގޮތުގައި އެމެރިކާ ސަރުކާރުގެ ކޮރަޕްޝަނާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މެކާފީ ވަނީ ރައްކާ ކޮށްފައެވެ. މެކާފީ ރައްކާކޮށްފައި ހުރި އެމެރިކާގެ ސިއްރު މައުލޫމާތުތައް 31 ޓެރަބައިޓަށް އަރާކަމަށް ވެސް ބުނެފައި ވެއެވެ. އޭނާ އެހެން ބުނެފައި ވަނީ މެކާފީ ޖޫން 08 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓަކާއިއެކުއެވެ.

އެޓްވީޓްގައި މެކާފީ ބުނެފައި ވަނީ "އަހަރެންނަށް އެއްވެސް ކަމެއް ވެއްޖެނަމަ ހަނދާން ކުރާތި 31ޓީބީގެ ފައިލް 88 ސްޓްރީޓް ކޮލިން އެވެނިއުގައި ރައްކާކޮށްފައި ހުންނާނެ" އެވެ. ނަމަވެސް މި ޓްވީޓެއް މިހާރު ޓްވިޓާގައި ނެތެވެ.

މިއާމީގެ އިމާރާތެއް ވެއްޓުނު ހާދިސާގައި ހަތަރު މީހަކު މަރުވެ 159 މީހަކު ވަނީ ގެއްލިފައެވެ. މިއިމާރާތެއް ހުރީ މެކާފީގެ ޓްވީޓެއް ކަމަށް ބުނާ ޓްވީޓްގައި ބުނެފައިވާ އެޑްރެހުގައެއް ނޫނެވެ. ނަމަވެސް މެކާފީ ވެސް ދީފައި ވަނީ މިއާމީގެ އެޑްރެހެއް ކަމުން އެޓްވީޓާއި އިމާރާތެއް ވެއްޓުނު ހާދިސާ އާއި ވަނީ ގުޅުވާފައެވެ.

އެމެރިކާ ސަރުކާރުން އުފުލާފައިވާ ޓެކްސްއަށް މަކަރު ހެދުމުގެ ދައުވާއަކާއި ގުޅިގެން މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން މެކާފީ ހުރީ ހައްޔަރު ކޮށްފައެވެ. އޭނާ މަރުވީ ސްޕޭންގެ ޖަލުގައި އަމިއްލަ އަށް ދަން ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު