ކޮލަމްބިއާގެ ރައީސް އިވަން ޑޫގް މާކުއިޒް ދަތުރު ކުރައްވަމުން ދިޔަ ހެލިކަޕްޓަރަށް ބަޑި ޖެހި ހާދިސާގެ ފަހަތުގައި ތިބި މީހުންގެ މައުލޫމާތު ދިން ފަރާތަކަށް އެ ގައުމުގެ ސަރުކާރުން 12 މިލިއަން ރުފިޔާ ހުށައަޅައިފިއެވެ.

ރައީސް ޑޫގް ދަތުރުކުރައްވަމުން ގެންދިޔަ ހެލިކަޕްޓަރަށް ބަޑިޖަހާފައި ވަނީ ވެނެޒުއޭލާގެ ބޯޑަރު ކައިރިންނެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ކޮލަމްބިއާގެ ރައީސަކަށް އަމާޒުކޮށްގެން ދެވުނު ފުރަތަމަ ހަމަލާއެވެ.

ރައީސް ޑޫގް ދަތުރުކުރައްވަމުން ގެންދެވީ ޑިފެންސް އެންޑް އިންޓީރިޔާ މިނިސްޓަރުންނާ އެކުގައެވެ. އަދި ނޯޓޭ ޑެ ސަންޓަންޑާގެ ގަވަނަރުވެސް ޑޫގް އާއި އެކު ހެލިކަޕްޓަރުގައި އިންނެވިއެވެ.

މި ހާދިސާގައި ހެލިކަޕްޓަރުން ދަތުރުކުރި އެއްވެސް ފަރާތަކަށް އަނިޔާ ނުވާއިރު ކޮލަމްބިޔާގެ ރައީސް އޮފީހުން ހާމަކުރި ފޮޓޯތަކުގައި ހެލިކަޕްޓަރުގެ އެކި ބައިބަޔަށް ބަޑީގެ ވަޒަން އަރާފައިވާ މަންޒަރު ފެނެއެވެ.

ކޮލަމްބިޔާގެ ނެޝެނަލް ޕޮލިސްގެ ޗީފް މީޑިއާއަށް ދިން މައުލޫމާތުގައި ވިދާޅުވި ހެލިކަޕްޓަރަށް ބަޑި ޖެހި ސަރަހައްދުން ދެ ބަޑިއެއް ފެނިފައިވާކަމަށާއި އެއީ ވެނެޒުއޭލާގެ ބަޑިތައް ކަމަށް ބެލެވޭ ކަމަށެވެ.

ޔޫއެސް، ޔޫރަޕިއަން ޔޫނިއަން އަދި ޔޫއެން މިޝަން އިން މި ހާދިސާ ކުށްވެރިކޮށްފައިވާ އިރު ކޮލަމްބިއާގެ ރައީސް ވަނީ މިހާދިސާ ތަހުގީގު ކުރުމަށް އެޤައުމުގެ ސަލާމަތީ ބާރުތަކަށް އަންގައިފައެވެ.

ވެނެޒުއޭލާގެ އާއި ކޮލަމްބިއާގެ ގުޅުން ހީނަރުވެފައި ވަނީ 2018 ވަނަ އަހަރު ޑޫގް ވެރިކަމާ ހަވާލުވި ފަހުންނެވެ. މިހާރު ވެނެޒުއޭލާގެ ރައީސް ކަމަށް ހުންނަވަނީ ނިކޮލަސް މަދޫރޯއެވެ.