ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ސްޕެއިންގައި މާސްކު ނާޅާ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ސްޕެއިން ސަރުކާރުން ރަސްމީކޮށް މި އުސޫލަށް ބަދަލު ގެނެސްފައިވާކަން އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އިސްލާހު ކުރެވުނު އުސޫލަށް އެގައުމުގައި ވަނީ އަމަލުކުރަން ފަށާފައެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެގައުމުގެ ސިއްހަތާއި ބެހޭ ވަޒީރު ކެރޮލިން ދާރިއާސް ވިދާޅުވީ މި ނިންމުމަކީ އާންމު ހާލަތައް ރުޖޫއަވުމަށް ނެގުނު ފިޔަވަޅެއް ކަމަށެވެ.

ސްޕެއިންގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވަނީ އެގައުމުގައި ވެކްސިން ފުރިހަމަ ކުރަމުންދާ މީހުންގެ އަދަދު އިތުރުވެ، އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި ދީފައިވާ ލުއިތަކުގެ ތެރޭގައި ބާސްކެޓާއި ސޮކާ ކުޅެން ބޭނުންވާ މީހުންނަށް ސްޓޭޑިއަމް ތަކަށްގޮސް، ކުޅިވަރުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުން ކަމުގައި ވިޔަސް، ގައިދުރުކަން ބެހެއްޓުމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީއިން އިލްތިމާސް ކުރެއެވެ. އެގޮތުން ފަސް ފޫޓުގެ ދުރުމިން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

ސްޕެއިންއިން މާސްކު އެޅުމުގެ ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު، އިޓަލީ އާއި ފްރާންސުން ވެސް ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު ނާޅާ ނުކުމެ އުޅުން ހުއްދަ ކޮށްފައެވެ. އިޓަލީގައި މިއަދުން ފެށިގެން އެ އުސޫލަށް އަަމަލުކުރަން ފަށާއިފައިވާއިރު، ފްރާންސްގައި މާސްކު އެޅުން މަޖުބޫރު ނުކުރަން ނިންމާފައިވަނީ މިދިޔަ ހަފްތާގައެވެ.