ފިލިޕީންސް ރައްޔިތުންގެ ތެރެއިން ކޮވިޑް-19 ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން އިންޑިއާއަށް ދިއުމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާރްޓޭ ގޮވާލައިފިއެވެ.

ފިލިޕީންސްގައި ކޮވިޑް ފެތުރެން ފަށާފައިވާއިރު، އެގައުމުގައި މިވަގުތު ބަލީގެ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓް (އިންޑިއާ ވޭރިއެންޓް) އަންނަނީ ހަލުވި ކަމާއި އެކީ ފެތުރެމުންނެވެ. އެހެން ކަމުން ބަލީގެ ނުރައްކާ ބޮޑުވުމުން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅު އަޅައި ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މާޗް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ވެކްސިން ޖެހާ މީހުންގެ އަދަދު އިތުރުވެފައި ނުވާތީ ރޮޑްރިގޯ ވިދާޅުވީ، ރައްޔިތުން "ބޯހަރީ" ކަމަށެވެ.

އެގޮތަށް ވެކްސިން ޖަހަން ގިނަ ބަޔަކު ދެކޮޅު ހަދައި ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވުމުގެ ސަބަބުން ރޯޑްރިގޯ ކޯފާ އިސްވެވަޑައިގެން ވަނީ އިންޒާރެއް ދީފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ވެކްސިން ޖަހަން ދެކޮޅު ހަދާނަމަ އިންޑިއާއަށް ދިއުމަށް އަންގާފައެވެ.

"އިންޑިއާއަށް ނުވަތަ އެމެރިކާއަށް ދޭ ވެކްސިން ނުޖަހަންޏާ. މިތަނުގައި ތިބެންޏާ ތިބެން ޖެހޭނީ ވެކްސިން ޖަހައިގެން" ރޮޑްރިގޯ ވިދާޅުވިއެވެ.

އިންޑިއާއަށް ދިއުމަށް ވިދާޅުވެ، އެގޮތަށް އަމަލު ނުކުރާނަމަ، ހުރިހާ އިސްވެރިން ހިމަނައިގެން ވެކްސިން ނުޖަހާ މީހުން ހޯދައި އެފަދަ ފަރާތްތަކުގެ ގަޔަށް "އޫރަށް" ޖަހާ ވެކްސިން ޖަހާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.

މިފަދަ އިންޒާރެއް އެމަނިކުފާނު ދެއްވާފައިވާއިރު، މީގެ ކުރިން އޭނާ ވަނީ ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރާ މީހުން ޖަލަށް ލާނެކަމުގެ އިންޒާރު ދީފައެވެ.

110 މިލިއަން މީހުން ދިރިއުޅެމުން އަންނަ ފިލިޕީންސްގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ އަދި އެންމެ 1.95 އިންސައްތަ މީހުންކަމަށް ވެކްސިން ޓްރެކަރއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޮސްބެ

    ސާބަހޭ ރައީސް ޑުޓާޓޭ. ޑުޓާޓޭއަށްވެސް އެނގޭ ދުނިޔޭގައި ގެރިއަކުން ސަލާމަތް ނުވެވިގެން އުޅޭ ބަޔަކު ތިބިތަނެއްގައިކަން ވެކްސިން ނުޖަހައި ތިބެވޭނީ. އެކަހަލަ މޮޔައިން ނޫނީ ވެކްސިން ނުޖަހައި ނުތިބޭނެކަން ޑުޓާޓޭވެސް ދަނޭ.

    14
    2