ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް އިންޑިއާއިން ފެނުނު ކޮވިޑްގެ ވޭރިއެންޓް ނުވަތަ ޑެލްޓާ ވޭރިއެންޓް ޖެހޭ ކަމަށް ރިޕޯޓަކުން ބުނެފިއެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލް އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާއީލުގައި ބަލިން ރައްކާތެރިވުމަށް ފާއިޒާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އިސްރާއީލުގައި ކޮވިޑް ހަލުވި ކަމާއެކީ ފެތުރެމުން އަންނަ މިދަނޑިވަޅުގައި އެގައުމުގެ ހެލްތް މިނިސްޓްރީން ހެދި ދިރާސާއަކުން އެނގިގެން ގޮސްފައިވަނީ ބަލި ޖެހޭ 90 އިންސައްތަ މީހުން ފައްސިވެފައިވަނީ ޑެލްޓާ ވޭރިއެންޓަށް ކަމަށެވެ.

އޭގެ ތެރޭގައި ވެކްސިންގެ އެއްވެސް ޑޮޒެއް ފުރިހަމަ ކޮށްފައި ނުވާ އުމުރުން 12 އަހަރުން ދަށުގެ ކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓުން ދައްކައެވެ.

އިސްރާއީލުގައި ބަލި ފެތުރެން ފެށުމާ ގުޅިގެން އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ޒަރޫރީ ބޭނުމަށް ނޫނީ ބޭރަށް ނުދިއުމަށް އިލްތިމާސްކޮށް، މާސްކު އަޅުމަށް އިލްތިމާސް ކޮށްފައެވެ. އިސްރާއީލުން މިހާތަނަށް 840،850 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ޑެލްޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާއިންނެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް މި ބަލި ފެތުރޭ މިންވަރު އިތުރުވެ، އެހެން ގައުމުތަކަށް ވެސް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެ ވޭރިއެންޓަކީ އަލްފާ ވޭރިއެންޓަށްވުރެ 60 ގުނަ ނުރައްކާ ބޮޑު ވޭރިއެންޓެއް ކަމަށް ރިޕޯޓްތަކުން ދައްކައެވެ.