އަންހެނުންނަށް ލިބޭ ޖިންސީ ގޯނާއާއި ގެވެށި އަނިޔާ ފަދަ އެތައް މައްސަލަތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ އަވަށްޓެރި އެއްގައުމު ކަމުގައިވާ އިންޑިޔާ އަކީީ މިފަދަ މައްސަލަތަކުގައި ފާހަގަ ކޮށްލެވޭ ގައުމެކެވެ.

އިންޑިޔާގައި އަންހެނުންނަށް ލިބޭ އަނިޔާތައް ވަރަށް ގިނައެވެ. ރޭޕް ކުރުމާއި، ރަހީނުކުރުމާއި، ގެވެށި އަނިޔާތަކާއި، މައިންބަފައިންނާއި އާއިލާގެ ފަރާތުން ލިބޭ އަނިޔާއާއި ފިރިމީހާއާއި ފިރިމީހާގެ އާއިލާގެ ފަރާތުން ލިބޭ އަނިޔާ ފަދަ އެތައް އަނިޔާއެއްގެ މައްސަލަތަކެވެ.

ކޯޓަށް ހުށަހެޅޭ މިފަދަ އެތައް މައްސަލަތަކަކަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ނަގައެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް އިންޑިޔާގެ ސްޓޭޓެއް ކަމުގައިވާ ކޭރަލާގައި އަންހެނުންނަށް ހާއްސަ ކޯޓެއް ހުޅުވަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

ކޭރަލާގެ ޗީފް މިނިސްޓްރަ ޕިނަރާއި ވިޖާޔަން ބުނެފައިވާ ގޮތުގައި އަންހެނުންނަށް ހާއްސަ ކޯޓެއް ކޭރަލާގައި ހުޅުވަނީ އަންހެނުންނަށް ލިބޭ އަނިޔާތަކާއި އެފަދަ މައްސަލަތައް އަވަހަށް ނިންމާ އަވަހަށް އިންސާފު ހޯދައިދިނުމަށެވެ.

އަވަހަށް އިންސާފު ހޯދައިދިނުމުގެ އިތުރުން އަންހެނުންނަށް ލިބޭ އަނިޔާތަކާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ އެތައް ޕްރޮގްރާމްތަކެއް ވެސް މި ކޯޓު މެދުވެރިކޮށް ހިންގާނެ ކަމަށް ޗީފް މިނިސްޓަރ ބުނެފައިވެއެވެ.

އަންހެނުންނަށް ހާއްސަކޮށް ހުޅުވާ މި ކޯޓުގައި އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ކޭރަލާގެ ސަރުކާރުގެ ހުރިހާ އޮފީސްތަކަކުން އެއްބާރުލުން ދޭނެ ކަމަށް ވެސް ޗީފް މިނިސްޓަރ ޕިނަރާއި ފާހަގަ ކުރައްވާފައިވެއެވެ.

ކޭރަލާގައި މިފަދަ ކޯޓެއް ހުޅުވުމަށް ނިންމާފައިވަނީ ފަހަކަށް އައިސް މި ސްޓޭޓްގައި ވެސް އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތައް ގިނަވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށެވެ.