އިރާގާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ.

އެމެރިކާއިން އިއްޔެ ބުނީ އެ ގައުމުން ހަމަލާ ދިނީ އިރާނުގެ މަދަދުވެރިކަމާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކަކަށް ކަމަށެވެ. އަދި އެކަން ކޮށްފައިވާނީ، އެ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ޑްރޯން ހަމަލަތަކެއް ދިނުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަަމަލާ ދީފައިވާނީ ހަނގުރާމަވެރިން ހަތިޔާރު ރައްކާކުރަން ބޭނުންކުރާ ގުދަންތަކަކަށް ކަމަށެވެ. އެގޮތުން، ސީރިޔާގެ ދެ ގުދަނަކާއި އިރާގުގެ ގުދަނަކަށް ހަަމަލާ ދީފައިވެއެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާކަަމެއް ސާފެއް ނުވެއެވެ.

މިއީ އެމެރިކާގެ ރައީސް ކަމާއި ޖޯ ބައިޑެން ހަވާލުވެވަޑައިގެންނެވި ފަހުން އިރާނުގެ މަދަދުވެރިކަމާއިއެކު ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތަކަށް ހަމަލާދިން ދެެ ވަނަ ފަހަރެެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ބައިޑެންގެ އަމުރަށް ސީރިއާގެ ބައެއް ސަރަހައްދުތަކަށް ވަނީ ހަަމަލާ ދީފައެވެ.

ހަމަލާއާ ގުޅިގެން ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިޑެންގެ އެ އަމުރުން ވެސް އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ ދިފާއުގައި ނުކުންނާނެކަން ކަށަވަރު ކޮށްދޭ ކަމަށެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދް ހާތިބްޒަދީހް މިއަދު ވިދާޅުވީ އެމެރިކާއިން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލޭ ކަމަށެވެ.