މީގެ އެތައް އަހަރުތަކެއް ކުރިން މަރުވެފައިވާ މީހުން މަރާއި ގުޅޭގޮތުންނާއި އެމީހުންގެ ދިރިއުޅުން އުޅެފައި ވަނީ ކިހިނެއްކަން އެނގެން ބޭނުންވާ ވަރަށް ގިނަ މީހުން އެބަ ތިއްބެވެ. އެފަދަ މައުލޫމާތުތައް ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތުތައް ހޯދައި ދެނީ ސައިންސްވެރިން ބުރަ މަސައްކަތެއް ކޮށްގެންނެވެ.

އެފަދަ މައުލޫމާތުތައް ހޯދައި ދިނުމަށް އޮކްސްފޯޑުގެ ސައިންސްވެރިން އަންނަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ކުރި ދިރާސާއިން މީގެ 3000 އަހަރު ކުރިން މަރުވެފައިވާ މީހަކު މަރުވެފައިވަނީ ކިހިނެއްތޯ ބެލުމަށް ގިނަ މަސައްކަތެއް ވަނީ ކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހާ މަރުވެފައިވަނީ މިޔަރު ހަމަލާއެއްގައި ލިބުނު އަނިޔާތަކެއް ސަބަބުންނެވެ. އެހެން ނަމަވެސް އެއީ ޔަގީން ކަމެއް ކަމަށް އަދި އެނގިފައެއް ނުވެއެވެ.

އެމީހާ އަކީ ޖަޕާނުގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާ މީހެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭނާގެ މަރު ތަހުގީގު ކުރަމުން އަންނަނީ އަލީސާ ވައިޓް އާއި ޕްރޮފެސަރ ރިކް ވިދާޅުވެފައި ވަނީ ލިބިފައިވާ އަނިޔާތަކަށް ބަލައި މަރުވި ގޮތް ޔަގީން ކުރަން ދަތިވާނެ ކަމަށެވެ. އެއީ އޭނާގެ ހަށިގަނޑުގައި ފުން ޒަހަމްތަކެއް ހުރުމުންނެވެ.

"އޭނާގެ ހަށިގަނޑުގައި ވަރަށް ޒަހަމްތައް ހުރި. އެގޮތުން ފައިގަ އާއި އަތުގެ އިތުރުން މޭމަތީގައި އެކި ކަހަލަ ޒަހަމްތައް ހުރި. މިހާތަނަށް ބެލިބެލުމުން އެނގިގެން ދަނީ ޖަނަވާރެއްގެ ފަރާތުން ލިބުނު އަނިޔާއެއް ކަމަށް"

މީގެ އިތުރުން އޭނާގެ އެއް ފައި ވެސް ނެތް ކަމަށާއި އެހެން ކަމުން އެފަދަ އަނިޔާއެއް ދެވޭނީ މިޔަރެއް ފަދަ ނުރައްކާތެރި ޖަނަވާރަކަށް ކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

އެފަރާތްތަކުން ވިދާޅުވެފައި ވަނީ، ބަލާބެލުމަށް އޭނާއަށް އަނިޔާވެފައިވަނީ ރަހުމަތްތެރިންނާއި އެކީ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ކަމަށެވެ.