ސީރިއާގައި ތިބި އެމެރިކާ ސިފައިންގެ ލަޝްކަރަކަށް އަމާޒުކޮށް ހަނގުރާމަވެރިން ހަމަލާތަކެއް ދީފިއެވެ.

މިހަމަލާތައް އެމެރިކާ ސިފައިންނަށް އަމާޒުވެފައި ވަނީ އެމެރިކާ ސިފައިން ސީރިއާ އާއި އިރާގުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތަކެއް ދިންތާ ދެތިން ގަޑިއިރު ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސީރިއާގައި ތިބޭ އަސްކަރީ ކޯލިޝަންގެ ތަރުޖަމާން ކާނަލް ވޭން މޮރާޓޯ ވަނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަނގުރާމަވެރިން ހަމަލާތަކެއް ދިންކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވަރަށް ގިނަ ރޮކެޓް ހަމަލާތަކެއް ހަނގުރާމަވެރިން ދީފައިވާ ކަމަށެވެ. ނަމަވެސް މިހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މޮރާޓޯ ވިދާޅުވީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދިނުމުން ރޮކެޓް ހަމަލާތައް ފޮނުވަމުން ދިޔަ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވައިގެ ހަމަލާތައްދީ ރޮކެޓް ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއާގެ އިރުމަތީގެ "އަލް އުމަރު އޮއިލް ފީލްޑް" ގައި ތިބީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދީފައި ވަނީ އީރާނުގެ އެހީތެރިކަން ލިބިގެން ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ކަމަށެވެ.

ސީރިއާގެ ދައުލަތުގެ ޓީވީން ވެސް ވަނީ އެމެރިކާ އަސްކަރީ މަރުކަަޒަކަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ހަމަލާތައް ދިނީ ކޮން ޖަމާއަތަކުން ކަމެއް ބުނެފައެއް ނުވެއެވެ.

ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ ޝީއީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް ހުޅަނގުގެ ގައުމުތަކުން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް އީރާނުން ގެންދަނީ އެތުހުމަތުތައް ދޮގު ކުރަމުންނެވެ.

އީރާންގެ އެހީ ލިބޭ ޖަމާއަތްތަކަށް އަމާޒުކޮށް މިހާރު އެމެރިކާ އިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާއި ގުޅޭ ގޮތުން އީރާން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.