ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަކީ ގައުމުގެ "ސެކިއުރިޓީ ރިސްކެއް" ކަމަށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ޗެއާމަން ބިލަވާލް ބުއްޓޫ-ޒަރުދާރީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެންނެވެ.

ޕާކިސްތާން ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ބިލަވާލް ވިދާޅުވީ އެގައުމަށް ނިއުކްލިއާ ބާރާއި ކުޅަދާނަކަން ހޯދައިދިނީ އޭނާގެ ކާފަ ޒުލްފިގަރް ބުއްޓޫ ކަމަށެވެ. އަދި އެއީ ސަލާމަތަށް ހުރި ރިސްކެއް ކަމަށް ބުނެ އެކަން ބަލައިނުގަތް ކަމަށް ޖީއީއޯ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

ޕީޕީޕީގެ ޗެއާމަން ވިދާޅުވަނީ މިހާރު އިމްރާން ހާން އެގައުމަށް އެޓޮމިކް ހަތިޔާރުގެ ޕްރޮގްރާމެއް ބޭނުން ނުވާ ކަމަށް ބުނުމުން އޭނަ އަކީ ސަލާމަތީ ބާރުތަކަށް 'ރިސްކް' އަކަށް ނުވޭތޯ ސުވާލު އުފައްދައިފައެވެ.

ބިލަވާލް ވިދާޅުވީ ބޮޑުވަޒީރު އިމްރާން ހާންގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވަނީ ހަމައެކަނި ކަޝްމީރު ނޫން ކަމަށާއި ޕާކިސްތާނުގެ ނިއުކްލިއާ ކުޅަދާނަކަމަށް ވެސް އޭނާ ބޭނުންވީ އެގޮތް ކަމަށެވެ.

"ނިއުކްލިއާ ކުޅަދާނަކަމާއި، މިސައިލް ޓެކްނޮލޮޖީ ތައާރަފް ކޮށްދިން މީހާ އަކީ ސަލާމަތަށް ހުރި ރިސްކެއް ކަމަށް ބުނި މީހުންނަށް މެސެޖެއް ދޭން އެބަ ޖެހޭ" ޕާކިސްތާން ޓެހްރީކް-އެ-އިންސާފް (ޕީޓީއައި) ކަޝްމީރުގެ ސަރަހައްދުން ދުރުކުރުމަށް ގޮވާލައްވަމުން ވިދާޅުވިއެވެ.

މީގެ ކުރިން ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން)ގެ ސެކްރެޓަރީ ޖެނެރަލް، އަހްސާން އިގްބާލް ނޭޝަނަލް އެސަމްބްލީގައި ވިދާޅުވީ ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ވާހަކަދައްކައިގެން ވަކި ގޮތެއް ނިންމޭނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވާން ބޮޑުވަޒީރަށް އެ ބާރު ދިނީ ކާކުތޯ ސުވާލު ކޮށްފައެވެ.