ކަޝްމީރުގައި އުޅޭ މިނި މަސް ކާ ޖަނަވާރުންގެ ފަރާތުން ލިބޭ ގެއްލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ މީހުން ދިރިއުޅުމަށް ދަތިވެއްޖެއެވެ.

މިނިކާވަގުގެ އުނދަގުލުގެ މައްސަލަ ފެންމަތިވެފައި މިވަނީ މިމަހުގެ ކުރީކޮޅު ފަސް އަހަރުގެ އަންހެން ކުއްޖަކު މަރާލާފައި އޮއްވައި ފެނުމާ ގުޅިގެންނެވެ. ކަޝްމީރު ސަރަހައްދުން ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކަށް މިނިކާވަގުގެ އުނދަގޫ ޖެހިފައި ވެއެވެ.

މި އަންހެން ކުއްޖާ އޭނާގެ ގޭގެ ކައިރީގައި ކުޅެން ހުއްޓާ މިނިކާވަގު ހަމަލާދޭ އަޑަށް އެކުއްޖާ ހުރި ތަނަށް އާއިލާ އިން ދިޔައިރު ކުއްޖާގެ ފައިވާން ފިޔަވައި އެހެން އެއްޗެއް އެ ސަރަހައްދުން ފެންނާކަށް ނެތެވެ. އަދި ޖެހިގެން އައި ދުވަހު ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ޖަންގަލިތެރޭގައި އޮއްވައެވެ.

މަރާލާފައިވާ ފަސްއަހަރުގެ ކުއްޖާގެ ޖަނާޒާގެ ތެރެއިން

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ކަޝްމީރު ސަރަހައްދުގައި އުޅޭ މިނިކާވަގުންތައް 200 އަށްވުރެ ގިނަ މީހުން މަރައި 2،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ކޮށްފައި ވެއެވެ.

އިންޑިއާ އަދި ޕާކިސްތާން ގުޅޭ ސަރަހައްދުގައިވާ ކަޝްމީރުގެ ޖަންގަލިން އިންސާނުންނަށް ހަމަލާދެނީ ބޮޑު މިނިކާވަގެއްކަން ޖަނަވާރުން ގެންގުޅޭ ފަރާތަކުން ވަނީ ބުނެފައެވެ.

ކަޝްމީރު ސަރަހައްދުން ފާއިތުވި އަހަރުތަކުގައި ކަޅު ކުލައިގެ ސާރިދޯޅުގެ އުނދަގޫ ވެސް ފޯރިއެވެ. ކަޝްމީރުގެ އެންވަޔަރަމެންޓް އެކްޓިވިސްޓެއް ކަމަށްވާ ރާޖާ މުޒައްސަފަރު ބުނީ ޖަނަވާރުންގެ ސަބަބުން އިންސާނުންނަށް އަނިޔާ ވަނީ އެތަކެތި ދިރިއުޅޭ ސަރަހައްދަށް އިންސާނުން ދާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    މިހާރު އިންސާނުންގެ ފުރާނަޔަށްވުރެ ޖަނަވާރުންގެ ފުރާނަ މާމުހިއްމު ޖަނަވާރުންވެސް ހިމާޔަތްކުރަންޖެހޭނެ އެކަމަކު ކޮންމެކަމެއްވެސް ހައްދެއް އޮންނަންވާނެ ، އިންސާނުންގެ ފުރާނަޔަށް ނުރައްކާ ވަންޏާ ޖެހޭނެ އެމިނިކާވަގުންގެ ފަރާތުން ސަލާމަތްކަންލިބޭގޮތްހަދަން ހެދުނުގޮތަކުން.