މީސެލްސް ބައްޔަށް ޖަހާ ވެކްސިން ޖެހުމުން ކުޑަކުދިން ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ކަމަށް އިންޑިއާގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ބީޖޭ މެޑިކަލް ކޮލެޖުން ހަދައި ހިއުމަން ވެކްސިންސް އެންޑް އިމިއުނޯތެރަފިއުޓިކްސް ގައި ޝާއިރު ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖެހޭ ގޮތަށް ކޮވިޑްގެ ވެކްސިނެއް ތައްޔާރު ކުރެވެންދެން މީސެލްސްއަށް ޖަހާ ވެކްސިން ޖެހުމުން 87.5 އިންސައްތަ ބަލިން ރައްކާތެރި ކޮށްދޭ ކަމަށެވެ.

މި ދިރާސާ ހެދުމަށް އުމުރުން އެއް އަހަރާއި 17 އަހަރުގެ 548 ކުދިން ވަނީ ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ހެދި މި ޓެސްޓުގައި ބައިވެރިވި ކުދިންނަކީ ކޮވިޑަށް ފައްސިވެފައިވާ ކުދިންނާއި ފައްސި ނޫން ކުދިންނެވެ.

އެ ހުރިހާ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފައިވާއިރު، އެއްކުއްޖަކަށް ވަނީ ޓިއުބަކިއުލޮސިސް އަށް ޖަހާ ބެސިލަސް ކަލްމޭޓް ގުއެރިން (ބީސީޖީ) ވެކްސިން ދީފައެވެ.

އޭގެ ތެރެއިން ބީސީޖީ ވެކްސިން ދިން ކުދިންނަށް ކޮވިޑް ޖެހޭ މިންވަރު ދަށްވެފައިވާ ކަމަށާއި ބަލީގެ ނުރައްކާ ކުޑަ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. އެގޮތުން 87.5 އިންސައްތަ ބަލިން ރައްކާތެރިކޮށްދޭ ކަމަށާއި އަލާމާތްތައް ވެސް ކުޑަ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

މި ދިރާސާއިން މިގޮތަށް ބުނެފައިވާއިރު، މީގެ ކުރިން ހަދާފައިވާ ދިރާސާގައި ވެސް ވަނީ މީސެލްސް ވެކްސިނުން ކުޑަކުދިން ކޮވިޑުން ރައްކާތެރި ކޮށްދޭ ކަމަށް ބުނެފައެވެ. އެހެން ކަމުން މިހާރު އެ ދިރާސާއަށް ވެސް ބާރު ލިބިފައިވާ ކަމަށް އެ ދިރާސާ ހެދި ފަރާތްތަކުން ވަނީ ބުނެފައެވެ.