ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ 15 މަސް ދުވަހަށް ޖަަލަށްލުމަށް އެގައުމުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ނުވަ އަހަރު ދުވަސް ވަންދެން ދެކުނު އެފްރިކާގައި ވެރިކަން ކުރެއްވި ޒޫމާ 15 މަސް ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވަނީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް މައުލޫމާތު ދެއްވަން ވަޑައިގަތުމަށް ޒޫމާ ވަނީ އިންކާރު ކުރައްވާފައެވެ.

ތަހުގީގަށް އެއްބާރުލުން ނުދެއްވާތީ ޒޫމާ ޖަލުގައި ބަންދުކުރުމަށް ދެކުނު އެފްރިކާގެ އުއްތަމަ ފަނޑިޔާރުގެ ނައިބު ރޭމަންޑު ޒޮންޑޯވަނީ އެދިވަޑައިގެންފައެވެ.

ޒޫމާ، 79، ގެ މައްޗަށް ކުރެވެނީ ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތެވެ. އޭގެ ތެރޭގައި ވެރިކަމުގައި ހުންނެވި ދުވަސްވަރާއި ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކޮށްފައިވާ ހިޔާނާތުގެ އަމަލުތަކުގެ މައްސަލަ ތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 1999 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުއާމާލަތެއްގެ ތަހްގީގުވެސް އަންނަނީ ކުރަމުންނެވެ. އެ ދުވަސްވަރު ޒޫމާ ހުންނެވީ ނައިބު ރައީސްގެ މަގާމުގައެވެ.

އޭގެ އިތުރުން 2009-2018 ވަނަ އަހަރުތެރޭގައި ޒޫމާ ވެރިކަމުގައި ހުންނެވި އިރު އިންޑިޔާގެ ގުޕުތާގެ އާއިލާއަކާއި ގުޅިގެން ހިންގެވި ހިޔާނާތުގެ އަމަލުތަކެއްގެ މައްޗަށް ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގުވެސް ކުރިޔަށް ދެއެވެ.

އެ ހުރިހާ ތުހުމަތުތަކަކަށް ޒޫމާ ވަނީ އިންކާރު ކުއްވާފައެވެ. އަދި ތަހުގީގަށް އެއްބާރުލުން ދިނުމަށް އޭނާ އަންނަނީ އިންކާރު ކުރަމުންނެވެ.

15 މަސް ދުވަހަަށް ޖަލުގައި ބަންދުކުރަން ހުކުމް ކުރުމާއި އެކު ޒޫމާއަށް އަންގާފައިވަނީ 5 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުލުހުންނާއި އަމިއްލަފުޅަށް ހަވާލުވުމަށެވެ.