އޮސްޓްރޭލިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ގެ ޑެލްޓާ ވޭރިއަންޓް ފެތުރޭތީ އެ ގައުމުގެ ހަތް ސިޓީއެއް ފުރަބަންދުކޮށްފިއެވެ.

އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި އެކި ސަރަހައްދުތަކުން މިހާތަނަށް އައިއިރު 200 އަށް ވުރެ ގިނަ ޑެލްޓާ ވޭރިއަންޓް ވޭދަނަ ވަނީ ފެނިފައެވެ. އެހެންވެ، އޮސްޓްރޭލިއާގެ ދެ ބައިކުޅަ އެއްބައި ވަނީ ފުރަބަންދުކޮށްފައެވެ.

ފުރަބަންދުކޮށްފައިވާ ސިޓީތަކަކީ ސިޑްނީ، ބްރިސްބެން، ޕާތް، ޑާވިން، ޓައުންސްވިލާ، ގޮލްޑް ކޮސްޓްއެވެ.

އޮސްޓްރޭލިޔާގެ ކަމާބެހޭ ފަރާތްތަކުން މިހާރު އެންމެ ކަންބޮޑުވާ އެއްކަމަކީ ސިޓީތަކާއި އަވަށްޓެރި ސަރަހައްދުތަކަށް ކޮވިޑް ބަލި ފެތުރިދާނެކަމުގެ ބިރުވެރިކަމެވެ.

ކޮވިޑް އެންމެ ފުރަތަމަ ފެތުރުނު ދުވަސްވަރުގައި ކޮވިޑުން އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި އޮސްޓްރޭލިއާ ހިމެނޭއިރު މި އަހަރުގެ މިހާތަނަށް 30،400 މީހުންނަށް ކޮވިޑް ޖެހި 910 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ. މިއީ އާބާދީ ބޮޑު ގައުމަކާއި ބަލާއިރު މަދު އަދަދެކެވެ.

އޮސްޓްރޭލިޔާގައި ޑެލްޓާ ވޭރިއެންޓް ފެތުރުމާއި އެކު އޮސްޓްރޭލިއަން މެޑިކަލް އެސޯސިއޭޝަން (އޭއެމްއޭ) އިން އެ ގައުމު ބޮޑެތި ސިޓީތައް ފުރަބަންދުކުރުމަށް ގޮވާލިއެވެ. އޭއެމްއޭ އަކީ ޑޮކްޓަރުން ތަމްސީލް ކުރާ އެސޯސިއޭޝަނެކެވެ.

ހަލުވިކަމާއި އެކީ ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް އޮސްޓްރޭލިޔާގައި ފެތުރެމުންދާއިރު އެ ގައުމުގެ 25 މިލިއަން މީހުންގެ އާބާދީއަށް ބަލީގެ އަސަރުކޮށްފާނެތީ އެ ގައުމުގެ ސަރުކާރު އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ޑެލްޓާ ވޭރިއެންޓަކީ 2020 ވަނަ އަހަރު އިންޑިއާ އިން ފުރަތަމަ ފެނުނު ވޭރިއެންޓެކެވެ. މި ވޭރިއެންޓަކީ ފުރަތަމަ ފެތުރުނު ކޮވިޑް ވޭރިއެންޓަށްވުރެ އަވަހަށް ފެތުރޭ ވޭރިއެންޓެކެވެ.