ފޭރިގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޕްރޮވިންސެއް ކަމަށްވާ އަލް-ޚަލީލް (ހަބްރުން) ގައި ހުންނަ މުސްލިމުންގެ މުޤައްދަޘް މިސްކިތެއް ކަމަށްވާ، މަސްޖިދު އިބްރާހީމީ ހިމެނޭ ސަރަޙައްދުގެ ތެރޭގައި، ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ބަޔަކު ޕާޓީކޮށްފިއެވެ.

މިކަން ހާމަކޮށް އިބްރާހީމީ މިސްކިތުގެ ޑިރެކްޓަރ، ޝެއިޚް ހަފްދީ އަބޫ ސުނައިނާ އާއި ޙަވާލާދީ ފަލަސްތީނުގެ ނޫސްތަކުން ބުނެފައިވަނީ އިބްރާހީމީ މިސްކިތުގެ ގޯތިތެރޭގައި ކުރިއަށްގެންދިޔަ މި ހަފްލާގައި އިސްރާއީލުގެ ޢާންމު ރައްޔިތުންނާއި އެބައިމީހުންގެ ބައެއް ވެރިންވެސް ބައިވެރިވެ، ދެޖިންސުގެ މީހުން މަސްހުނިވެ ނެށުންތައްވެއް ކުރިއަށް ދިޔަ ކަމަށެވެ.

ބުރާސްފަތު ދުވަހުގެ ރޭ ބޭއްވި މި ހަފްލާގައި އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ އިންޓާނަލް ސެކިއުރިޓީ މިނިސްޓަރުވެސް ބައިވެރިވެފައިވާއިރު، ރޭގެ ގިނަ ވަގުތުތަކެއް ވަންދެން އެތަނުގައި ޔަހޫދީން ޕާޓީކުރަމުންދިޔަ ކަމަށް ނޫސްތަކުން ބުނެފައި ވެއެވެ. މި މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއި ވީޑިއޯތައްވެސް ވަނީ ޢާންމުވެފައެވެ. މިކަމުގެ ސަބަބުން އިސްރާއީލާއި މެދު މުސްލިމް އުންމަތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ރޭ އިސްރާއީލުން އިބްރާހީމީ މިސްކިތްކައިރީ މި ޢަމަލު ހިންގާފައިވާއިރު މީގެ ކުރިންވެސް މުސްލިމުންނަށް ދުއްތުރާކޮށް ޖެއްސުންކުރުމުގެ ގޮތުން ޔަހޫދީން މިފަދަ ގޮތްކުޑަ ޙަރަކާތްތައް ހިންގާފައި ވެއެވެ. އިބްރާހީމީ މިސްކިތް ހުންނަ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ އިސްރާއިލް ރައްޔިތުން މިހާރު ވަޒަންވެރި ވަމުންދާ ސަަރަޙައްދެކެވެ. މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން މީގެ ކުރިން އެ މިސްތުގައި ނަމާދުކުރުމާއި ބަންގި ގޮވުމަށްވެސް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ.

ތަކުރާރުކޮށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގައި، ފަލަސްތީނުގެ ރައްޔިތުންނާއި މެދު އަނިޔާވެރިވެ އެތައް ބަޔަކު ޤަތުލުކުރުމުގެ ސިލްސިލާ އިސްރާއީލުން ކުރިއަށްގެންދާއިރު، މިކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ބޮޑެތި ޖަމިއްޔާތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިތުރުން މުސްލިމުންގެ ނަމުގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތައް ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަންރި

    ބަލާނަން މަހްޝަރު މައިދާނުގަ ވައްތަރު ޖެއްސޭތޯ؟

  2. ފަހުޒަމާން

    ފަހުޒަމާނުގެ އަލާމާތެއް

  3. މީހަކު

    ހިތާމަ ހުރި

  4. Anonymous

    ޥަރަށް އަވަހަށް މުސްލިމުނަށް ކުރި ލިބޭނެ.... ކާފަރުން މުސްލިމުނަށް ފިލަންވެސް ދުވާނެ... ޔާ ﷲ މުސްލިމް އުތްމަތް ސަލާމަތް ކޮށްދެއް ވާންދޭން