ކެނެޑާގެ ހޫނު މިން ރިކޯޑު އަދަދަކަށް އަރައި، ފާއިތުވި ދުވަސްތަކުގައި ރިޕޯޓު ކޮށްފައިވާ ކުއްލި މަރުތަކަކީ ފިނިހޫނުމިނަށް އައިސްފައިވާ ބަދަލާއި ގުޅުންހުރި މަރުތަކެއް ކަމަށް ކެނެޑާގެ ފުލުހުން ބުނެފިއެވެ.

އެގައުމުގެ ވެންކޫވާ ސިޓީގެ ފުލުހުން ރިޕޯޓު ކޮށްފައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ފަހުން އެ ސަރަހައްދުން 130 އަށް ވުރެ ގިނަ ކުއްލި މަރު ރިޕޯޓު ކޮށްފައިވެއެެވެ. އޭގެ ތެރޭގައި ގިނައީ ސިއްހީ މައްސަލަތައް ހުރި މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މި މީހުންގެ މަރާއި ކެނެޑާގައި މިހާރު ތަޖުރިބާކުރަމުންދާ އާދަޔާ ހިލާފަ ހޫނުކަމާއި ގުޅިފައިވާކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ދެކުނުން ހުޅަނގަށް އޮންނަ ސަރަހައްދުތަކާއި ކެނެޑާގައި ވެސް ހޫނުމިން ދަނީ ރިކޯޑު އަދަދަކަށް އިތުރުވަމުންނެވެ. މިދިޔަ އާދިއްތަ ދުވަހަކީ ކެނެޑާގެ ތާރީހުގައި ވެސް ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށް ވުރެ އިތުރުވީ ފުރަތަމަ ދުވަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. އާދިއްތަ ދުވަހުން ފެށިގެން ޖެހި ޖެހިގެން ތިން ދުވަސް ވަންދެން ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވުރެ އިތުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު 49.6 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އަރައި ރިކޯޑު ކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ހޫނުމިން އިތުރުވަމުންދާތީ، ލިބިދާނެ ގެއްލުމަކަށް ވިސްނައި ތައްޔާރީތައް ވުމުގެ ޕްލޭންއެއް އެކުލަވާލައިފައިވާ ކަމަށެވެ.

ދުނިޔޭގެ ފިނިހޫނުމިނަށް ވެސް ބަދަލު އަންނަމުން ދާއިރުު، ތަޖުރިބާކާރުން ވިދާޅުވަނީ "ހީޓްވޭވް" ފަދަ މޫސުމީ ކާރިސާތައް ކުރިމަތިވާލެއް އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކެނެޑާގެ އިދާރާތަކުން މިކަމާއި ގުޅިގެން ބުނެފައިވަނީ މީގެ ކުރިން މިވަރަށް ހޫނުކަން އިހުސާސް ކޮށްފައިނުވާ ކަމަށާއި، ހޫނުމިނުގެ ސަބަބުން އެގައުމުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުންދާކަމަށް އިދާރާތަކުން ރިޕޯޓު ކުރެއެވެ.