އެމެރިކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ، ނުވަތަ ޑިފެންސް މިނިސްޓަރު ޑޮނަލްޑް ރަމްސްފީލްޑް ވަނީ ރޭގެ ވަގުތެއްގައި މަރުވެފައެވެ. އުމުރުން 88 އަހަރުގައި ރަމްސްފީލްޑް މަރުވެގެން ދިއުން އެއީ އޭނާގެ އަނިޔާވެރިކަން ތަހައްމަލް ކޮށްފައިވާ އެތައް ބައެއްގެ ހިތައް ލިބުނު ކޮންމެވެސް ވަރެއްގެ ފިނިކަމަކަށް ވެދާނެއެވެ. ނަމަވެސް ހަގީގަތުގައި އޭނާގެ ލާއިންސާނީ އަނިޔާތަކަށް އިންސާފެއް ނުލިބެއެވެ. އޭނާގެ އަނިޔާވެރިކަމަށް އެއްވެސް ބަދަލެއް ނުދެވުނުތަނުގައި އޭނާގެ މައްސަލަ ބެލިފައެއް ވެސް ނުވެއެވެ.

ރަމްސްފީލްޑްގެ އަނިޔާވެރިކަމުގެ ސަބަބުން ދުނިޔެ ދޫކުރި މީހުންގެ ސީދާ އަދަދު އަންދާޒާ ވެސް ކޮށްނުލެވޭނެ ކަމަށް އޭނާގެ ހަޔާތް ދިރާސާކުރި ތަޖުރިބާކާރުން ބުނެއެވެ. 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރަށް ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރިއިރު ރަމްސްފީލްޑްގެ އެންމެ ބޮޑު އަނިޔާވެރިކަމެއް ފެންނަން އޮތީ އިރާގުންނެވެ.

2018 ވަނަ އަހަރު ބްރައުން ޔުނިވަސިޓީން ވަނީ ރަމްސްފީލްޑްގެ އަނިޔާވެރިކަމުގެ ސަބަބުން ދުނިޔެ ދޫކުރި މީހުންގެ އަންދާޒާ ހިސާބުތަކެއް ހަދާފައެވެ. އެދިރާސާގައި ބުނެފައި ވަނީ ހަމައެކަނި އަފްޣާނިސްތާންގައި ވެސް ރަމްސްފީލްޑްގެ އަނިޔާވެރި ނިންމުންތަކުގެ ސަބަބުން 147000 މީހުން މަރުވެގެން ދިޔަ ކަމަށެވެ. އެއީ 38480 އާއްމުންނާއި އަފްޣާނިސްތާން ސިފައިންގެ 58596 މީހުންނެވެ.

ރަމްސްފޯލްޑްގެ ރޭވުމާއި އެއްގޮތައް އެމެރިކާ އިން ފެށި އިރާގު ހަނގުރާމައިގައި 2018 ވަނަ އަހަރާއި ހަމައަށް މަރުވި މީހުންގެ އަދަދު ހުންނާނީ 267792 އާއި 295170 ގައި ކަމަށް ދިރާސާގައި ވަނީ ލަފާކޮށްފައެވެ. އޭގެތެރެއިން އެއްވެސް ކުށެއްނެތް އާއްމުންގެ އަދަދު 182000 އާއި 204000 އާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި އިރާގު ސިފައިންގެ 41000 މީހުން ވެސް ވަނީ މަރުވެގެން ގޮސްފައެވެ.

ރަމްސްފޯޑްގެ ނިންމުންތަކުގެ ސަބަބުން ގެއްލުން ލިބިގެން ދިޔައީ ހަމައެކަނި އެހެން ގައުމުތަކުގެ މީހުންނަކަށް ނޫނެވެ. އޭނާގެ ނިންމުންތަކުގެ ސަބަބުން ގެއްލުން ބޮޑު ހަނގުރާމަތަކަކަށް އެމެރިކާ ސިފައިން ވަންނަން މަޖުބޫރުވެ އެމެރިކާ ސިފައިންގެ ތެރެއިން ވެސް ހައެއްކަ ހާސް މީހުން ވަނީ މަރުވެގެން ގޮސްފައެވެ.

ރަމްސްފޯޑް އަކީ ބައި ގަރުނަށްވުރެ ގިނަ ދުވަހު އެމެރިކާ ސަރުކާރަށް ހިދުމަތް ކުރި ހިދުމަތްތެރިއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަ ކުރި ނަމަވެސް ހަގީގަތުގައި އޭނާގެ ނަން ދުނިޔޭގެ ތާރީޚްގައި ލިޔެވިގެން ދާނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ގޮތުގައެވެ. ކުށެއްނެތް އެތައް ބަޔަކު މެރި ގާތިލެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ައަލީ

  އޭނާ އެޙާޒިރުކުރެވެނީ އިންސާފުގެ ދަރުބާރަށް. ފުރިހަމަޔަށް އިންސާފުލިބޭނެ. ދުނިޔެމަތީން ކޮންމެގޮތަކަށް ނިމިގެންދިޔަޔަސް މި ދަރުބާރުން ނިމިގެންދާނީ ފުރިހަމަޔަށް އިންސާފު ލިބިގެން. އެއްވެސް މީހަކަށް ބޭއިންސާފެއްނުކުރެވޭނެ. ހެކިވެރިންވެސް ގޮވައިގެން އެދިޔައީ. އެއީ އޭނާގެ ގުނަވަންތައް..

  32
 2. އައްޑޫ ޝަކުވާ ބޯޓު

  ރޮޓް އިން ހެލް!

  20
 3. އިންސާނިއްޔަތު

  މާޑަރާރ ރޮޓް އިން ހެލް!!

  13
 4. ހަވާސާ ހަމީދު

  ޔާﷲ ޑޮނަލްޑް ރަމްސްފީލްޑް ފަދަ އަނިޔާވެރިން ހިއްޕަވާންދޭވެ އަދި އެފަދަ މީހުންގެ ކިބައި މުސްލިމުންނާއި މުސްލިމުގައުމުތަށް ސަލާމަތްކުރައްވާންދޭވެ! އާމީން

  23
 5. އަލީ

  މާތް ﷲ މިކަލޭގެ އަށް ގަދަފަދަ އަޒާބު ދައްކަވާށި އާމީން

 6. ީިަައިބްރާހިމް

  މިހާރު އޭނާގެ މައްސަަލަ ބަލަމުން ދާނީ ކައްވަޅުގަ