ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އިސްރާއީލްގެ އެމްބަސީއެއް ހުޅުވައިފިއެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ޔަހޫދީންގެ އެމްބަސީއެއް ޔޫއޭއީގައި ހުޅުވީ އިސްރާއިލުގެ އާ ފޮރިން މިނިސްޓަރ ޔައިރް ލަފީދު އެގައުމަށް ކުރި ދެ ދުވަހުގެ ދަތުރުގެ ތެރެއިންނެވެ.

ޔޫއޭއީއަށް ފޮރިން މިނިސްޓަރ ލަފީދު ކުރި ދަތުރަކީ ދުވަސްތަކަކަށް ފަހު ޔޫއޭއީ އާއި އިސްރާއީލާއި ދެމެދުގައި މިދިޔަ އަހަރު ގުޅުން ބަދަހިކުރުމަށް ފަހު އެގައުމަށް އިސްރާއީލުގެ މިނިސްޓަރަކު ދަތުރުކުރާ ފުރަތަމަ ފަހަރެވެ. އަދި މި ދަތުރަކީ އިސްރާއިލުގެ ވެރިކަމަށް ދެ ހަފްތާވީ ނަފްތަލީ ބެނެޓުގެ ބޮޑުވަޒީރުކަމުގެ ދަށުން ހިންގާ އާ ސަރުކާރަށް ގަލްފް ސްޓޭޓުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހުޅުވިގެންދާ އިތުރު މަގެކެވެ.

"އިސްރާއީލުން ބޭނުންވަނީ ގައުމުތަކާއެކު ސުލްހަވެރި ގުޅުމެއް ގާއިމްކުރަން. އިސްރާއީލެއް ވަކި ތަނަކަށް ދާނީއެއް ނޫން، މެދު އިރުމައްޗަކީ އިސްރާއީލުގެ ވެސް ސަރަހައްދު. ހުރިހާ ގައުމަކުން ވެސް އެކަން ބަލައިގަނެ، އިސްރާއީލާއެކު މަޝްވަރާކޮށް، ވާހަކަ ދެއްކުމަށް ހުރިހާ ގައުމަަކަށް ފުރުސަތުު ހުޅުވާލަން" ޔަހޫދީންގެ އެންބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ލަފީދު ބުންޏެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވުމަށްފަހު ލަފީދު ކުރި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޔޫއޭއީގެ ފޮރިން މިނިސްޓަރ އަބްދުﷲ ބިން ޒައިދު އަލްނަހްޔާނާއި ބައްދަލުކުރައްވައި "އަބްރަހަމު އެކޯޑު"ގެ މައްޗަށް ބިނާކޮށް ސުލްހަ ގާއިމުކޮށް މެދު އިރުމަތީގެ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތީކަންތައްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ. އަދި އޭގެ އިތުރުން އިގްތިސާދީ ގޮތުން ވެސް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކޮށް، އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ. މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރިފަހުން ސޮއި ކުރި އެފަދަ 12ވަނަ އެއްބަސްވުމެވެ.

އަބްރަހަމު އެކޯޑުގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހި ކުރި އަރަބި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ އާއި މިސްރާއި ބަހްރައިނާއި މޮރޮކޯއާއި އުރުދުން އަދި ސޫދާން ހިމެނެއެވެ.