ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދަމުން އަންނަ ވެކްސިން އުފައްދައިދޭ ހަބެއްގެ ގޮތުގައި އެ މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ސައޫދީ އަރަބިއްޔާ އިން އިއްޔެ ބުނެފިއެވެ.
އިޓަލީގެ ބްރިންޑިސީގައި ބޭއްވި ޖީ-20ގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސައުދީ އަރަބިއްޔާގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން ރިލީފް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް ޑރ. އަބްދުﷲ އައްރަބީއާ ވިދާޅުވީ، އެގައުމުގައި ވެކްސިން އުފެއްދުމަށް ބޭނުންވާ ހުރިހާ ތަކެތި އެބަ ހުރި ކަމަށާއި އަދި އެގައުމު އަތީ އެކަމަށް ތައްޔާރަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިންގެ އިތުރުން، އެހެން ބާވަތްތަކުގެ ބޭހާއި ބޭސްވެރިކަމުގެ ސާމާނުވެސް އުފައްދައިދޭ ހަބެއްގެ ގޮތުގައި މަސައްކަތް ކުރަން ސައޫދީ އަރަބިއްޔާ އޮތީ ތައްޔާރަށެވެ. އޭނާ ވަނީ މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުގެ ކުންފުނި ތަކުން ވެސް އެކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އޭނާ އެގޮތަށް އިލްތިމާސް ކޮށްފައިވަނީ އެސަރަހްއްދުތަކުގެ ގައުމުތަކަށް ވެކްސިން ލިބުމުގެ ދަތިތަކެއް ކުރިމަތިވެފައިވާތީއެވެ.
"ކޮވިޑް-19 އިން ރައްކާތެރިވެވެން އޮތް މައިގަނޑު ވަސީލަތަކީ ހުރިހާ ގައުމުތަކަށް ވެސް ވީހާ ގިނައިން ވެކްސިން ލިބޭނެ ގޮތެއް ހަމަޖެއްސުން." އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސައޫދީ އަރަބިއްޔާގައި ކޮވިޑް ވެކްސިން އުފައްދަން ފެށުމުން، އިތުރުވާނީ ހަމައެކަނި ވެކްސިން އުފެއްދޭ އަދަދު ނޫން ކަމަށާއި، އޭގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސް ވެގެންދާނެ ކަމަށެވެ.
ލޮލް. ތި ޖަހާނެ ބަޔަކު ނުވާނެ.
ރާއްޖެއަށް ދެން އަހަރެމެން ބޭސް ގެންނަންފަށާނީ ސައުދީއީން.. ބޭނުމެއްނޫން އިންޑިޔާބޭހެއް.