އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަނެއްކާ ވެސް ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދީފައިވަނީ ޣައްޒާގައި ހުންނަ ހަތިޔާރު އުފައްދާ ކާރު ހަނާއަކަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހަމަލާއަކީ މޭއި މަހުގެ ތެރޭގައި ދެ ގައުމުގައި ހިނގާދިޔަ ހަމަލާ ބަދަލު ކުރުމަށްފަހު އިސްރާއީލް ސިފައިން ޣައްޒާއަށް ހަމަލާދިން ތިން ވަނަ ފަހަރުއެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ބުނީ، ހަމަލާ އަމާޒުވެފައިވަނީ ޓްރެއިނިން ސެންޓަރަކަށް ކަމަށާއި ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު މީޑިއާތަކަށް ބުނެފައިވަނީ މިއީ އާސަން ފުއްޕާހަންތަކެއްގައި ބޮން ހަރުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށާއި އެ ހަމަލާއަކީ ޣައްޒާއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި ގޮއްވާލީ ހަމާސް އަށް މުހިންމު ކާރުޚާނެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ހަމަލާގައި 256 ފަލަސްތީން މީހުން ޝަހީދުކޮށްލާފައިވެއެވެ. މީގެ ތެރޭގައި 66 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ހަމަލާގައި އިސްރާއީލުގެ ދެ ކުދިން ހިމެނޭ ގޮތަށް 13 މީހަކު ވަނީ މަރުވެފައެވެ.