މެކްސިކޯގެ ހުޅަނގުން އައްސޭރިފަށުގެ ކަނޑުމަތީގައި ބޮޑު އަލިފާންގަނޑެއް ރޯވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑުއަލިފާންގަނޑެއް ކަނޑުމަތީގައި ރޯވީ މެކްސިކޯ ސަރުކާރުގެ ތެޔޮ ކުންފުނި "ޕެމެކްސް" އިން އަޅާފައިވާ ތެޔޮ ހޮޅިއެއް ފަޅައިގެން ގޮސްގެންނެވެ. ކަނޑުމަތީގައި ހުރި ތެޔޮ ނަގާ ވަޅަކުން ސިޓީގެ ތެރެއަށް އަޅާފައިވާ ތެޔޮހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ލޮނުގަނޑުގެ މައްޗަށް ތެލުގެ އަސަރުކޮށް ހުޅުހިފީ ކަމަށް ޕެމެކްސް އިން ބުނެއެވެ.

ވަށްބުރެއްގެ ސިފައިގައި އަލިފާންގަނޑު ރޯވެ، އަނދަމުން ދިޔަ މަންޒަރު މެކްސިކޯގެ ދައުލަތުގެ ޓީވީން ވަނީ ދައްކާފައެވެ. ދައުލަތުގެ ޓީވީން ބުނާ ގޮތުގައި ހުކުރު ދުވަހު ހެނދުނު ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އަލިފާންގަނޑު ނިއްވާލަން ފަސްވަރަކަށް ގަޑިއިރު ހޭދަވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ގަލްފް އޮފް މެކްސިކޯގައި ހުންނަ ކޫ މަލޫބް ޒާޕް ތެޔޮ ވަޅުން އަޅާފައިވާ ތެޔޮ ހޮޅިއެއްގައެވެ. މިތެޔޮ ހޮޅިން ތެޔޮ ލީކްވުން މިހާރު ވަނީ ހުއްޓުވާފައެވެ. މިހާދިސާ ހިނގި ނަމަވެސް ކޫ މަލޫބް ޒާޕް ތެޔޮ ވަޅުން ތެޔޮ އުފެއްދުމަށް ބަދަލެއް ނާންނަ ކަމަށް ޕެމެކްސް އިން ބުނެއެވެ.

ކޫ މަލޫބް ޒާޕް ތެޔޮ ވަޅަޅަކީ ޕެމެކްސް އިން އުފައްދާ ތެލުގެ %40 ތެޔޮ ނަގަމުންދާ ތެޔޮ ވަޅެވެ. އެތެޔޮވަޅުން އެކަނިވެސް ދުވާލަކު 1.7 މިލިއަން ފީފާގެ ތެޔޮ ނަގަމުން ދެއެވެ.

މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މައްސަލަ ތަހްގީގު ކުރަމުންނެވެ.