އިއްޔެ ރަޝިޔާއިން ކޮވިޑުގައި 697 މީހުން މަރުވިކަމަށް ރިޕޯޓު ކޮށްފިއެވެ. މިއީ އެގައުމުގައި ރިކޯޑު އަދަދަކަށް ކޮވިޑުގައި މީހުން މަރުވާތާ ފަސްވަނަ ދުވަހެވެ.

ހުކުރު ދުވަހު 679 މީހުން އެގައުމުން ކޮވިޑުގައި މަރުވެ ރިޕޯޓު ކޮށްފައިވެއެވެ.

ރަޝިޔާގެ ސްޓޭޓް ކޮރޯނާވައިރަސް ޓާސްކްފޯސްއިން މައުލޫމާތު ދީފައިވާގޮތުން ހޮނިހިރު ދުވަހު އެގައުމުން 24,439 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއީ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވިކަމަށް ރިޕޯޓު ކުުރި ދުވަހެވެ. އޭގެ ކުރިން ހުކުރު ދުވަހު ކޮވިޑަށް ފައްސިވެފައިވަނީ 23000 މީހުންނެވެ.

އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވުން ޑެލްޓާ ވޭރިއެންޓުގެ ވޭދަނަތައް މިހާރު ރަޝިއާ އިން ދަނީ ފެންނަމުންނެވެ. އޮފިޝަލުން ވިދާޅުވަނީ އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވުން ގުޅިފައިވަނީ ޑެލްޓާ ވޭރިއެންޓާއި ކަމަށެވެ. އޭގެ އިތުރުން އެކަށީގެންވާ މިންވަރަށް ވެކްސިން ޖެހިފައިނުވާކަން އޮފިޝަލުން ފާހަގަ ކުރެެއެވެ.

ރަޝިޔާގެ ވެރިކަންކުރާ މޮސްކޯގައި ހަރުކަށިކޮށް ފުރަބަންދު ކޮށްފައިނުވި ކަމުގައި ވިޔަސް، ކެފޭތަކާއި ބާ ފަދަ ތަންތަނަށް މީހުން ދިއުން މަދުކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެފަދަ ތަންތަނަށް ދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާކަން ނުވަތަ ކޮވިޑް ޓެސްޓް ނަތީޖާ ނައްސިކަން އެނގޭ ހެއްކެއް ހުށަހެޅުމުންނެވެ.

މިހާތަނަށް ރަޝިޔާގައި 41.8 މިލިއަން ޑޯޒް ވެކްސިން ދީފައިވެއެވެ. އޭގެ ތެރެއިން ދެ ޑޯޒް ހަމަކޮށްފައިވަނީ 17.6 މިލިއަން މީހުންނެވެ. މިއާއި އެކު އެގައުމުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އިންސައްތަ ވަނީ 12.2 އަށް އަރާފައެވެ.

ރަޝިއާ އަކީ މުޅި ދުނިޔެ އިން ވެސް އެންމެ ފުރަތަމަ ކޮވިޑާއި ދެކޮޅަށް ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދިން ގައުމެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެގައުމަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު