އަށްޑިހަ ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ފިލިޕީންސްގެ އަސްކަރީ ބޯޓެއް ވެއްޓިއްޖެއެވެ.

މި ބޯޓު ވެއްޓިފައި ވަނީ އަސްކަރީ ފައުޖު ގޮވައިގެން ދަތުރުކުރަމުން ގޮސް ބޯޓު ޖައްސަން ވެގެން އުޅުމުގެ ތެރޭގައި ރަންވޭއާ ސީދާ ނުވެގެން ކަމަށްވެއެވެ. ބޯޓު ވެއްޓިފައިވަނީ މަނިލާގެ ދެކުނުން 1،000 ކިލޯމީޓަރު ދުރުގައި އޮންނަ ޖޯލޯ އައިލެންޑަށް ޖައްސަން އުޅެނިކޮށެވެ.

ފިލިޕީންސްގެ ސިފައިންގެ އިދާރާ އިން މައުލޫމާތު ދީފައިވާ ގޮތުން ބޯޓުގައި ތިބި މީހުންގެ ތެރެއިން 40 މީހުން ވަނީ ސަލާމަތް ކޮށްފައެވެ. ރެސްކިއު ޓީމުތަކުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާއިރު އިތުރު ބަޔަކު ސަލާމަތް ކުރެވިދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓު ކޮށްފައިވާގޮތުން އެ ބޯޓު ވެއްޓުމާއި ގުޅިގެން އަނިޔާ ލިބުނު މީހުން އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ވަނީ ގެންގޮސްފައެވެ.

ވެއްޓިފައިވާ ސީ-130 ބޯޓަކީ ފިލިޕީންސްގެ އަސްކަރީގައި މިދިޔަ ފެބްރުއަރީ މަހު ބޭނުން ކުރަން ފަށާފައިވާ ބޯޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޯޓު ވެއްޓިފައިވާ ސަރަހައްދަކީ އެގައުމުގެ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރާ ބޮޑު ބޭސްއެކެވެ.

މިދިޔަ މަހު ވެސް އެގައުމުގައި ބޯޓެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި ހަ މީހުން މަރުވެފައިވެއެވެ.