ޖަޕާނުގެ މައި ސިޓީ ކަމަށްވާ ޓޯކިޔޯގެ އަޓާމީއަށް ކުރި ގަދަ ވިއްސާރާގައި ދެ މީހަކު މަރުވެ، 20 އަށް ވުރެ ގިނަ މީހުން ގެއްލިގެން ރިޕޯޓު ކޮށްފިއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން ޖަޕާނުގައި ކުރިމަތިވެފައިވާ މި ކާރިސާގައި މިހާތަނަށް 10 މީހަކު ސަލާމަތް ކޮށްފައިވެއެވެ. އަދި މިއަދު ވެސް އިތުރު ބަޔަކު ފެނޭތޯ ރެސްކިއު ޓީމުތަކާއި، ފުލުހުން އަދި ފަޔާ ފައިޓަރުންގެ ޓީމުތަކުން ހަރަކާތްތެރި ވަމުންދާކަމަށް ޖަޕާނުގެ މީޑިއާތަކާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

އާދަޔާ ހިލާފަ ޖަޕާނަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އިއްޔެ ވަނީ ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދާން ފަށާފައެވެ. މި ހާދިސާއާ ގުޅިގެން ބައެއް މީހުންގެ ގެދޮރަށް ވެސް އަންނަނީ ގެއްލުން ވަމުންނެވެ. މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތަކުން ފެނިގެންދަނީ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެ، ގެތަކުގެ ފުރާޅުތައް ވެސް ވެއްޓި، ބައެއް ގެތައް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވެފައިވާ މަންޒަރެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ވިދާޅުވީ މި ހާދިސާގައި ގެއްލުންވެފައިވާ ގެދޮރާއި އިމާރާތްތަކުގެ އަދަދު 130އަށް ވުރެ އިތުރުވާނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އެގައުމުގެ ގިނަ ސަރަހައްދުތަކަކަށް ކުރާނެ ކަމަށާއި، ވިއްސާރަ އަލިވުމުން ބިމުގެ މައްސަލަ ދިމާވެ އިތުރު ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ލަފާކޮށް ސުގާ ވަނީ އިންޒާރު ދެއްވައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާރު ހަރަކާތްތެރިވަމުންދާ ރެެސްކިއު ޓީމުގައި ހާހެއްހައި މީހުން ހަރަކާތްތެރި ވަމުން އެބަ ގެންދެއެވެ. އޭގެ ތެރޭގައި ސިފައިންގެ 140 މީހުން ހިމެނެއެވެ.