ފިލިޕީންސްގައި ފަރުބަދައެއް ގޮވައި ސިއްހަތަށް ގެއްލުންވާ ފަދަ ވިހަ ގޭހެއް ފެތުރެން ފަށައިފިއެވެ.

އެ ގައުމުގައި ނުރައްކާތެރި ވިހަ ގޭހެއް ފެތުރޭތީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ދަތުރުތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގޮވާފައި ވަނީ ފިލިޕީންސްގެ މައި ސިޓީ މެނީލާގައި ހުންނަ "ތާލް" ނަމަކަށް ކިޔާ ފަރުބަދައެކެވެ.

އެ ފަރުބަދަ ގޮވުމާއެކު ވިހަ ގޭހެއް ކަމަށްވާ "ސަލްފަޑައިއޮކްސައިޑް" ފެތުރި މުޅި ސަރަހައްދު ދަނީ ތަޣައްޔަރު ވަމުންނެވެ. ސިއްހީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި ފިލިޕީންސްގެ ސަރުކާރުން އަންގާފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން އަވަށްތަކަށް ދިޔުމަށެވެ.

ސަރުކާރުން އެންގި އެންގުމަށް އިޖާބަދީ 2،400 އެއްހާ މީހުން ސަލާމަތުގެ އައްސޭރިއަށް ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ސަލާމަތް ހޯދުމަށް އެހެން އަވަށްތަކަށް ވަގުތީގޮތުން ބަދަލުވާނެ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ޑިޒާސްޓާ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުން އެހެން އަވަށްތަކަށް ދަތުރުކުރަމުންދާ މީހުން ބޯހިޔާވަހިކަން ހޯދަމުންދަނީ ކޮވިޑާ ގުޅިގެން ބަންދުކޮށްފައިވާ ސުކޫލުތަކާއި، ދަންނަ މީހުން ނުވަތަ އާއިލީ ގުޅުން އޮންނަ މީހުންގެ ގެތަކުންނެވެ.

ސިވިލް ޑިފެންސް އޮފިޝަލުން ބުނީ ފަރުބަދަ ގޮވައިގެން ފެތުރެމުންދާ ވިހަ ގޭހުގެ އަސަރު 317،000 މީހުންނަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.