ފައިޒާ އާއި ބަޔޯއެންޓެކުން ތައްޔާރު ކޮށްފައިވާ ފާއިޒާ ވެކްސިން ޖެހި ޔޫކްރޭންގެ ފިރިހެނަކު މަރުވެއްޖެއެވެ.

ޔޫކްރޭންގެ ހެލްތް މިނިސްޓްރީން ބުނީ، އެވެކްސިން ޖަހައިގެން މަރުވެފައިވަނީ އުމުރުން 47 އަހަރުގެ ފިރިހެއްނެ ކަމަށާއި އޭނާ މަރުވެފައިވަނީ ވެކްސިންގެ ޑޯޒު ޖެހިތާ ހަތަރު ގަޑިއިރު ފަހުން ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ، އެ މީހާ ނިޔާވުމުގައި ވެކްސިނާއި ގުޅުމެއް ނެތިވެސް ހިނގައިދާނެ ކަމަށާއި އެގޮތަށް ބުނެފައިވަނީ އޭނާއާއި އެކީ ވެކްސިން ފުރިހަމަ ކުރި އިތުރު ފަސް މީހެއްގެ ހާލު ގޯސްވެފައި ނުވާތީ ކަމަށެވެ.

ފާއިޒާ ވެކްސިން ޖެހި މީހަކު މަރުވި މައްސަލަ އެގައުމުން ބަލަމުން އަންނައިރު، އެގައުމުގެ ޤާނޫނު ބުނާ ގޮތުން އެފަދަ ހާލަތެއްގައި މަރުވާ މީހުން މަރުވެފައިވާ ސަބަބުން 30 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ރިޕޯޓް އާއްމު ކުރަން ޖެހެއެވެ.

އެމީހާގެ މަރާއި ގުޅިގެން ފާއިޒާ ކުންފުނިން ވަނީ މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ މައްސަލައެއް ފެންމަތިވުމުން އެކަން ބަލާނެ ކަމަށާއި މިހާތަނަށް އެ ވެކްސިން ޖެހި އެއްވެސް މީހެއްގެ ހާލު ބޮޑުވެ އެފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށެވެ.

"މިއަދާއި ހަމައަށް ދުނިޔޭގެ 400 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މި ވެކްސިން ދީފައި. މުހިންމު ވާހަކައަކީ މިފަދަ ކަމެއް މަދު އާބާދީއެއްގައި ވުމަކީ ނާދިރު ކަމެއް ކަމަށް" ފާއިޒާ ކުންފުނިން ބުންޏެވެ.

ފާއިޒާ ވެކްސިން ޖެހި ޔޫކްރޭން މީހަކު މަރުވެފައިވާއިރު، ފެބްރުއަރީ މަހާއި ހަމައަށް އެގައުމުން މިހާތަނަށް ދެ މިލިއަން މީހުންނަށް ވަނީ ފާއިޒާ ވެކްސިން ޖަހާފައެވެ. އަދި ވެކްސިން ޖަހާފައިވާ އެއްވެސް މީހަކަށް މިފަދަ މައްސަލައެއް ދިމާވެފައެއް ނުވެއެވެ.