ކޮވިޑް-19 ގެ ހަތަރުވަނަ ރާޅެއް ފްރާންސަށް އަރާފާނެކަމުގެ އިންޒާރުދީފި އެވެ. މި އިންޒީރު ދީފައި ވަނީ އެޤައުމުގެ ސިއްހަތާއި ބެހޭ ވަޒީރެވެ.

ފްރާންސްގެ ސިއްހަތާއި ބެހޭ ވަޒީރު އޮލީވިޔާ ވެރާން ވިދާޅުވީ މިމަހުގެ ފަހުކޮޅު އެޤައުމަށް ކޮވިޑްގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓުގެ ރާޅެއް އަރާފާނެ ކަމަށާއި ރައްޔިތުން ކޮވިޑް ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވެރާން ވިދާޅުވީ ފަސްދުވަސްވަންދެން ބަލިޖެހޭ މީހުންގެ ޢަދަދު ދަށްނުވާކަމަށާއި އެއީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން މިހާރު ފްރާންސްގެ ހާލަތު ގޯސްވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ. ވެކްސިން ޖެހުމުގައި އަވަސްވުމަށް އެޤައުމުގެ ރައްޔިތުންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފްރާންސްގައި ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް 5.79 މިލިއަން މީހުންނަށް ބަލިޖެހިފައި ވެއެވެ. ބަލި ޖެހިގެން 111 ހާސް މީހުން މަރުވެފައިވާއިރު 368 ހާސް މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފްރާންސްގައި ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު:

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދު- 33,961,307
ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ޢަދަދު- 22,813,043

ޔޫރަޕްގެ އެންމެ ބޮޑެތި އިގުތިސޯދު އޮންނަ ޤައުމުތަކަށް އަނެއްކާ ކޮވިޑްގެ ނުރައްކާ އިތުރުވެފައިވާއިރު މީގެ ސަބަބުން ދުނިޔޭގެ ސްޓޮކް މާކެޓަށް އަސަރުކުރާނެކަމަށް ބެލެވެއެވެ.

ޑެލްޓާ ވޭރިއެންޓަކީ އިންޑިޔާއިން ފުރަތަމަ ފެނިފައިވާ ވޭރިއެންޓެވެ. މިހާތަނަށް ދުނިޔޭގެ 85 ޤައުމަކުން މި ވޭރިއެންޓު ފެނިފައިވާއިރު މި ވޭރިއެންޓަކީ މިހާތަނަށް ފާހަގަ ކުރެވުނު ކޮވިޑް ވޭރިއެންޓުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ވޭރިއެންޓެވެ. ޑެލްޓާ ވޭރިއަންޓް މާހަލުވިކޮށް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރައެވެ. ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ހާލަތު މިހާރު ދަނީ ގޯސްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްތުނާ

    ނޫސްލިޔާމީހުންވެސް އިންޑި އާ އިންފެނުނު ވޭރި އެންޓޭބުނާނަމަ ޖިނާ އީކުށަކަށް ވުމުގެފުރުސަތު ބޮޑުކަމުގަ އިފެނޭ ؟