ފިލިޕީންސްގެ އަސްކަރީ ފައުޖަކާއެކު ދަތުރު ކުރި އަސްކަރީ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

ފިލިޕީންސްގެ ސިފައިން ބުނީ އިއްޔެ ވެއްޓުނު ބޯޓުގައި 85 މީހުން ތިބި ކަމަށެވެ. އެކަމަކު، ފަހުން ސިފައިން ބުނި ގޮތުގައި ބޯޓުގައި ތިބީ 96 މީހުންނެވެ. ބޯޓުގައި ތިބި އެންމެންނަކީ އަސްކަރީ ފައުޖުގެ މީހުން ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިފައިންގެ ބުނީ ސީ-130 ބޯޓު ވެއްޓުނު ހާދިސާގައި އަސްކަރީ ފައުޖުގެ 49 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ބޯޓު ވެއްޓުނު ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން ބަޔަކަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން މި ހާދިސާގައި ތިން މީހަކު މަރުވެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކުރެއެވެ. ޒަހަމް ވެފައިވާ ފަރާތްތަކަށް އެ ސަަރަހައްދާ އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންގޮސްގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި ސަލާމަތްވި މީހުންގެ ތެރޭގައި ތިން ޕައިލެޓުން ހިމެނޭ ކަމަށް ސިފައިންގެ ބުންޏެވެ.

މި ބޯޓު ވެއްޓިފައި ވަނީ އަސްކަރީ ފައުޖު ގޮވައިގެން ދަތުރުކުރަމުން ގޮސް ބޯޓު ޖައްސަން ވެގެން އުޅުމުގެ ތެރޭގައި ރަންވޭއާ ސީދާ ނުވެގެން ކަމަށްވެއެވެ. ބޯޓު ވެއްޓިފައިވަނީ މަނިލާގެ ދެކުނުން 1،000 ކިލޯމީޓަރު ދުރުގައި އޮންނަ ޖޯލޯ އައިލެންޑަށް ޖައްސަން އުޅެނިކޮށެވެ.