ޕާކިސްތާނުގައި އަނެއްކާ ވެސް ޓިކްޓޮކް ބޭނުންކުރަން ފަށައިފިއެވެ.

އެގައުމުގައި އަލުުން ޓިކްޓޮކް ބޭނުން ކުރަން ފެށީ ހުކުރު ދުވަހު އެގައުމުގެ ސިންދް ހައިކޯޓުން ޓިކްޓޮކް ބޭން ކުރަން ނިންމި ނިންމުން އަނބުރާ ނެގުމުންނެވެ.

ސިންދް ހައިކޯޓުން ޓިކްޓޮކް ބޭން ކުރަން އަމުރު ނެރެފައިވަނީ އެގައުމުގެ އާންމު ރައްޔިތަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އާންމުންގެ ޝަކުވާތަކާ ގުޅިގެން ޕާކިސްތާން ޓެލެކޮމްސް އޮތޯރިޓީ، ޕީޓީއޭއިން ތިން ފަހަރެއްގެ މަތިން ޓިކްޓޮކް ބޭން ކޮށްފައިވެއެެވެ. އާންމުން މައްސަލަ ޖައްސަމުން ދަނީ ޓިކްޓޮކް ކޮންޓެންޓްތައް ހަދާފައިވާއިރު އޭގައި ބޭނުންކޮށްފައިވާ ބަހުރުވައާއި، ފޮޓޯތަކާއި، މީހުންގެ އުޅުން ގޯސްކަމަށް ބުނެ އެކަން މީސް މީޑިއާ ޕްލެޓްފޯމުގައި ދޫކޮށްލާ ވީޑިއޯތައް އިޖްތިމާއި މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެއެވެ.

ޓިކްޓޮކް މޯބައިލް އެޕްލިކޭޝަން ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޭން ކޮށްފައިވާއިރު، އެގައުމުގެ ރައްޔިތުން އެކަމާއި ގުޅިގެން ކުރަމުން ގެންދާ ޝަކުވާގެ އަޑު ގަދައެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ޕާކިސްތާނުގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރުމާއި ގުޅިގެން ވިޔަފާރިވެރިންނަށް ގެއްލުން ދައްކަން ފެށިއެވެ. މި އެޕްލިކޭޝަން ޒުވާނުން ހިމެނޭހެން އާންމުންގެ މެދުގައި މަގްބޫލު އެޕްލިކޭޝަނަކަށް ވެފައިވާތީ ވިޔަފާރިވެރިން އޮންލައިން ވިޔަފާރިކޮށް، އިސްތިހާރު ކުރަމުން ގެންދިޔައީ ޓިކްޓޮކް މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ މާޗް މަހު އަދި މީގެ ތިން ދުވަސް ކުރިން ޕާކިސްތާނުން ޓިކްޓޮކް ވަނީ ބޭން ކޮށްފައެވެ. އެންމެ ފަހުން ކޯޓުގައި މައްސަލަ ކުރިޔަށް ދިއުމުގެ ތެރޭގައި ޓިކްޓޮކްގައި ހުންނަ ވީޑިއޯތަކުގެ ސަބަބުން އިސްލާމީ މިންގަނޑުތަކަށް އެކަށީގެން ނުވާ ކަމަށާއި، ޕާކިސްތާނުގެ ސަގާފަތް ގެއްލިގެންދާކަމަށް ބުނެފައިވެެއެވެ.