އިންޑޮނޭޝިއާގައި ކޮވިޑުން ދިފާއުވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އޮކްސިޖެންގެ ދަތިކަން ކުރިމަތިވެ، ބޭނުންވާ މިންވަރަށް އޮކްސިޖެން ނުލިބި އެގައުމުގެ 60 މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގައި ކޮވިޑުގެ ހާލަތު ވަނީ ގޯސްވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސް އެގައުމުން 27,913 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. ގައުމުގެ ހާލަތު ގޯސްވާން ފެށުމުން ފަތުރުވެރިންގެ މެދުގައި ހިތްގައިމު މަންޒިލަކަށްވާ ބާލީ އާއި ޖާވާ އަދި ޖަކާޓާ ހިމެނޭހެން ސަރަހައްދުތަކެއް ވަނީ ހޮނިހިރުު ދުވަހުން ފެށިގެން ފުރަބަންދު ކޮށްފައެވެ.

ޖާވާގެ ސާޑްޖީތޯ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި ހަމައަށް 63 މީހަކު އޮކްސިޖެން ނުލިބިގެން މަރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ބުނީ ފަރުވާދެމުންގެންދިޔަ އިރު ލަފާކުރި ވަރަށް ވުރެ ބޮޑަށް އޮކްސިޖެން ދޭންޖެހުނު ކަމަށެވެ. ހޮސްޕިޓަލުން ދިން މައުލޫމާތުގައި އޮކްސިޖެން މަދުވެގެން މަރުވެފައިވާ އެންމެންނަކީ ކޮވިޑަށް ފަރުވާކުރަމުންދިޔަ ބައެއްކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން އެގައުުމުގައި އޮކްސިޖެން އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ގޮވާލައިފައިވެއެވެ. އަދި މިހާރު ހުރި ވެކްސިންތައް ބޭނުންކުރަމުން ގެންދިޔުމަށް ސަރުކާރުން އަންގާފައިވެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ގޭސް އުފައްދާ ކުންފުނިތަކަށް އަންގާފައިވަނީ ދުވާލަކު 800 ޓަނުގެ އޮކްސިޖެން އުފެއްދުމަށެވެ. އޭގެ އިތުރުންވެސް އަހަރަކު 225،000 ޓަނުގެ އޮކްސިޖަން އުފެއްދުމުގެ ގާބިލުކަން އެ ކުންފުނިތަކަށް ލިބިފައިވާކަމަށާއި އެ އޮކްސިޖަންވެސް ބޭނުންކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މާދަމާއިން ފެށިގެން އިންޑޮނޭޝިއާގައި ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ވަނީ ނިންމާފައެވެ. އެގޮތުން އެގައުމަށް އެތެރެވާ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުމެއް ނުވަތަ ބައްޔަށް ޓެސްޓު ކުރުމުން ނައްސިކަން އަންގައިދޭ ނަތީޖާއެއް ދައްކަން ޖެހެއެވެ. އެ ލިޔުން ދެއްކި ކަމުގައި ވިޔަސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެއެެވެ.