އިއްޔެ އިސްރާއީލާއި ގާޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނުގެ ރައްޔިތުން އިހުތިޖާޖަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 206 މީހަކު ޒަހަމްވެއްޖެއެވެ.

ގާޒާގައި ހަަރަކާތްތެރިވަމުން އަންނަ ހަމާސް ޖަމާއަތުން އިންތިޒާމުކޮށްގެން ގާޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އިހުތިޖާޖު ކުރަމުން އަންނަތާ މިހާރު ވަނީ ގާތްގަނޑަކަށް ތިން މަސް ދުވަސްވެފައެވެ.

އިއްޔެ ކުރި މުޒާހަރާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ސަރަހައްދީ ރޮނގުގައި ޖަހާފައިހުރި ފެންސް ހަލާކުކޮށްލުމުގެ މަސައްކަތްވެސް ކޮށްފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޒަހަމްވި މީހުންގެ ތެރޭން 44 މީހަކު ޒަހަމްވީ ވަޒަން އެރުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އިއްޔެގެ މުޒާހަރާގައި ފަލަސްތީނުގެ އާންމުން ވަނީ އިސްރާއީލަށް އަމާޒުކޮށް އަލިފާން ރޯކޮށްފައިވާ ގުޑި އަރުވާފައެވެ.

އިސްރާއީލުގެ ސިފައިން ސިފަކުރާގޮތުގައި ފަލަސްތީނުން "ގޮވާތަކެތި ހަރުކޮށްފައިވާ މަޑި އާއި ފުއްޕާހަން" އިސްރާއީލަށް ފޮނުވާފައިވާ ކަމަށާއި ގާޒާއަށް ހަމަލާ ދިނީ އެހެންވެ ކަމަށެވެ. މިއީ ނިރުބަވެރި އަމަލެއް ކަމަށް އިސްރާއީލުން ވަނީ ސިފަކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

މި ޖަރީމާތަަށް ކުއްވެރި ކުރުން ފިޔަވާ އިތުރު ކަމެއް އދ އިން ނުކުރެއެވެ. ދާދި ފަހުން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 13000 ވުރެން މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު