ލުބުނާނުން މުހިންމު އެތައް ބޭހެއް ހުސްވަމުންދާ ކަމުގެ އިންޒާރު އެގައުމުގެ ވިޔަފާރިވެރިން ދީފިއެވެ.

އެގައުމުމުގެ ބޭސް އެތެރެކުރާ ފަރާތްތަކުން ބުނީ ގިނަ ވައްތަރުތަކެއްގެ ބޭސް ހުސްވެފައިވާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބޭސް ހުސްވެދާނެ ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބޭސް ހުސްވެދާނެ ކަމަށް ބުނެފައިވަނީ ސެންޓްރަލް ބޭންކުން ބްލޮކް ކޮށްފައިވާ ފަންޑުތައް ދޫނުކޮށްފިނަ ބޭސް އިމްޕޯޓު ކުރުމަށް ހުރަސް އެޅިގެން ދާނެކަމަށް ލަފާކޮށްފައެވެ.

ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެގައުމުން ޕެޓްރޯލްގެ ދަތިކަން ވެސް ބޮޑެވެ. އެގައުމުގެ ސަރުކާރުން ވަނީ މިހާރު ސަރުކާރުން ދެމުން ގެންދާ ސަބްސިޑީތައް ވެސް ދިނުން މެދުކަނޑާލަން ނިންމާފައެވެ. ނަމަވެސް، އެގައުމުގެ ސެންޓްރަލް ބޭންކުގެ ޗީފާއި މިނިސްޓަރުން ނިންމާފައިވަނީ ބޭސް އެތެރެކުރުމާއި ސިއްހީ ކަންކަމަށް ސަބްސިޑީތައް ދޫކުރުމަށެވެ.

ލުބުނާނުގެ ފައިސާގެ އަގު ކަޅު ބާޒާރުގައި 90 އިންސައްތައަށް ދަށްވެފައިވާ އިރުވެސް ލުބުނާނުގެ ސެންޓްރަލް ބޭންކުން ޑޮލަރު ދޫކުރަމުން އަންނަނީ ހެޔޮ އަގުތަކެއްގައެވެ. ސެންޓްރަލް ބޭންކުން ބުނީ 1950 ގެ އަހަރުތަކުގެ ފަހުން މާލީ ގޮތުން އެންމެ ބޮޑަށް ގޮންޖެހުންތަކަކާއި ކުުރިމަތިލާން ޖެހުން އަހަރަކަށް މި އަހަރު ވެގެންދާނެ ކަމަށް ބުނެފައެވެ.

ސަތޭކައަށް ވުރެ ގިނަ ބޭސްތައް މިހާރު ހުސްވެފަައިވާއިރު، އަވަސް މުސްތަގުބަލެއްގައި ދެން ހުރި ބޭސްތައްވެސް ހުސްވެ ގައުމު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެ ކަމަށް ބޭސް އެތެރެ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެެވެ. އަދި މި މަސް ނިމުމުގެ ކުރިން އެކަށީގެންވާ ފިޔަވަޅެއް ނާޅައިފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބުނެއެވެ.