ތައިލެންޑުގެ ވެރި ރަށް ބެންކޮކްގައި ކެމިކަލް ފެކްޓަރީއެއް ގޮވައި އެކަކު މަރުވެ އެތައް ބަޔަކަށް އަނިޔާ ވެއްޖެއެވެ.

ކެމިކަލް ފެކްޓަރީ ގޮވުމުގެ ސަބަބުން މުޅި ސަރަހައްދު ވިހަ ގޭހުން ތަޣައްޔަރު ވަމުންދާތީ އެތައް ބަޔަކު ގެދޮރު ދޫކޮށް ސަލާމަތުގެ އައްސޭރިއަށް ދަތުރުު ކޮށްފައިވެއެވެ. މީސް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތަކުން ފެންނަނީ މުޅި ސަރަހައްދުގައި ކަޅު ދުންގަނޑު ބޯވެފައިވަނިކޮށެވެ.

އެ ފެކްޓަރީއަކީ ޕްލާސްޓިކް ޕެލެޓާއި ޕްލާސްޓިކް ފޯމް ބޯޑާއި އަދި މިފަދަ އެހެންވެސް އުފެއްދުންތައް ތައްޔާރު ކުރަމުންދާ ކާރުހާނާއެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފެކްޓަރީގެ ގޯތި ތެރޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ބައެއް ގުދަން ވެސް ހުއްޓެވެ. އެ ގުދަންތަކުގައި 50 ޓަނުގެ ކެމިކަލް ހުރި ކަމަށް ލަފާކޮށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. އަދި މި ކާރުހާނާގައި ގޮވީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވެއެވެ.

ލޯކަލާ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އިތުރަށް ގޮވާފާނެ ކަމަށް ފަސް ކިލޯމީޓަރު ސަރަހައްދަކުން މީހުން ދުރު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި 70 ގެއެއް އަނދާ ހުލިވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގައި އެކަކު މަރުވެފައިވާ އިރު އަނިޔާ ވެފަައިވަނީ 62 މީހުންނަށެވެ. އޭގެ ތެރޭގައި ރެސްކިއުޓީމާއި ފަޔާފައިޓަރުންގެ ތެރެއިން 12 މީހަކު ހިމެނެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަ ލޮރީއާއި ހެލިކޮޕްޓަރު ވެސް ދަނީ ބޭނުންކުރަމުންނެވެ. ގުދަނުގައި ހިފާފައި ހުރި ހުޅުގަނޑަށް ވުރެ އަރާ ބޯދުމުގެ ސަބަބުން ތަނެއް ސާފުކޮށް ފެންނަވަރު ނުވާ ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ގެންދާ އޮފިޝަލުން ބުނެއެވެ.