29 މީހުންނާއި އެކު ދަތުރުކުރި ރަޝިޔާގެ މަތިންދާ ބޯޓެއް ގެއްލިއްޖެ އެވެ.

އޭއެން-26 ގެ ރަޝިޔާގެ މަތިންދާ ބޯޓު ގެއްލިފައި ވަނީ ޕެޓްރޯޕެވްލޮކް-ކަމްޗަޓްސްކީ އިން ފުރައިގެން ޕަލާނާ އަށް ދަތުރުކުރަމުން ދަނިކޮށް ކަމްޗަޓްކާ ޕެނިންސުލާ ސަރަހައްދުން ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. މި ބޯޑުގެ ކޮންޓެކްޓް އެއާ ޓްރެފިކް އަށް ގެއްލިފައިވަނީ ބޯޓު ޖައްސަން ކުޑަ ވަގުތުކޮޅަަކަށް ވެފައި ވަނިކޮށެވެ.

ރަޝިޔާގެ އެމެޖެންސީ މިނިސްޓްރީން މީޑިޔާއަށް މައުލޫމާތު ދެމުން ބުނީ ގެއްލުނު ބޯޓުގައި ތިބީ 22 ޕަސެންޖަރުންނާއި ހަތް ކްރޫއިން ކަމަށެވެ.

ބޯޓު ގެއްލުނު ސަރަހައްދަށް ރެސްކިޔު ޓީމުތައް މިހާރު ގޮސްފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

އިންޓަފެކްސް ނޫހުން ބުނީ ބޯޓު ގެއްލުނު ސަރަހައްދުގެ މޫސުން ގޯސްކަމަށް އެ ސަރަހައްދުގެ މޫސުމާއި ބެހޭ އިދާރާއިން ކުރިން ބުނެފައިވާ ކަމަށެވެ.