ކޮވިޑް-19ގެ އެހެން ވޭރިއެންޓްތަކާއި ދެކޮޅަށް ފައިޒާ ވެކްސިން މަސައްކަތްކުރި މިންވަރަށް އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް އިސްރާއިލުގެ ހެލްތް މިނިސްޓްރީއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ މަހުގެ ތެރޭގައި އިސްރާއިލުން އެއްކުރި މައުލޫމާތު އަލީގައި ފައިޒާ ވެކްސިން ފުރިހަމަ ކުރުމުން ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ޖެހުމުގެ ފުރުސަތު ކުޑަވެގެން ދަނީ 64 އިންސައްތައަށް ކަމަށް އާންމު ކޮށްފައިވާ ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް، ފައިޒާ ވެކްސިނުން މީގެ ކުރިން ދެނެގަނެވިފައިވާ އެހެން ވޭރިއެންޓްތަކުން 94 އިންސައްތަ ރައްކާތެރި ކޮށްދެއެވެ.

ޑެލްޓާ ވޭރިއެންޓުން ރައްކާތެރި ކޮށްދޭ މިންވަރު ފައިޒާ ވެކްސިނުން ކުޑަވީ ކަމުގައި ވިޔަސް ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު 93 އިންސައްތައަށް މަދުވެގެންދާ ކަމަށް ބުނެފައިވެއެވެ.

އިސްރާއިލް ސަރުކާރުން ކޮށްފައިވާ ދިރާސާއަށް އިޝާރާތްކޮށް ފައިޒާ ކުންފުނީގެ ތަރުޖަމާނު ނަދާވް ޑޮވިޑޮޗިވް ވިދާޅުވީ އެ ދިރާސާއިން ވެސް ފައިޒާ ވެކްސިނުން ކޮވިޑްގެ އާ ވައްތަރުތަކުން ދިފާއުކޮށްދޭކަން ހާމަވެގެން ދާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ވެކްސިނާއި އެކު ވޭދަނަތައް ދަށްވެގެންދާނެ ކަމަށާއި، ވެކްސިނުގެ ސަބަބުން ބަލީގައި ބޮޑުވަރުވެ މަރުވާ މީހުންގެ އަދަދުވެސް މަދުކުރެވިގެން ދާނެކަމަށް އޭނާ ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ

އިސްރާއިލުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި އެކު އެގައުމުގައި އަނެއްކާވެސް ކޮވިޑް ވޭދަނަތައް ވަނީ އިތުރުވެފައެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ އެގައުމުގައި މިހާރު ވޭދަނަތައް އިތުރުވެފައިވަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކަމަށެވެ.

ޑެލްޓާ ވޭރިއެންްޓަކީ ނުރައްކާތެރި ވޭރިއެންޓަކަށް ވެފައި ހަލުވިކަމާއި އެކު ފެތުރެމުންދާ ވޭރިއެންޓެކެވެ. އަދި މިހާރު މި ވޭރިއެންޓް ދުނިޔޭގެ 85 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.