ރަޝިއާގެ ޕެޓްރޯޕެވްލޮކް-ކަމްޗަޓްސްކީ އިން ފުރައިގެން ޕަލާނާ އަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މަތިންދާ ބޯޓުން ދަތުރު ކުރި ހުރިހާ ފަސެންޖަރުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

28 މީހުންނާއި އެކީ ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު އޭއެން-26 ގެ ރަޝިޔާގެ މަތިންދާ ބޯޓު ރަޝިއާގެ އިރުމަތީ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާކަން މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

މީހުން ސަލަމާތް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން އާއްމު ކޮށްފައިވާ ރިޕޯޓްތަކާއި ހަވާލާދީ އަލްޖާޒީރާ ނޫހުން ދެންމެ ބުނީ. މި ބޯޓުން ދަތުރު ކުރިއެއްވެސް މީހަކު ސަލާމާތް ވެފައި ނުވާ ކަމަށެވެ.

ބޯޓު ކަނޑަށް ވެއްޓިފައި އޮއްވާ ފެނުނުއިރު، ބޯޓު އޮތީ ވަރަށް ބޮޑަށް ސުންނާފަތި ވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭރު އެބޯޓުގައި 22 ފަސެންޖަރުންނާއި ހަތް ކްރޫއިން ތިއްބެވެ. އެ ފަސެންޖަރުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 1982 ވަނަ އަހަރު އުފައްދާފައިވާ އެ ބޯޓު ގެއްލުނުއިރު، ދިޔައީ އެއާޕޯޓަށް ޖައްސަން ތިރި ކުރަމުންނެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަކި ހިސާބަކުން އެއާޕޯޓުގެ ޓަވަރާއި ގުޅުން ކެނޑުނު ކަމަށްވެއެވެ.