ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރާއެކު ލިޔެކިޔުމުން ސުލްހަވެރި އެއްބަސްވުމެއް ގާއިމްކުރަން އުޅޭ ކަމަށް ތާލިބާނުން ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ތާލިބާނުން ސުލްހަައިގެ އެއްބަސްވުން ގާއިމުކުރަނީ އަންނަ މަހުއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ސުލްހަވުމަށް މަޝްވަރާ ކުރެވެމުން ދާނެ ކަމަށް ތާލިބާނުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވިއެވެ. ނަމަވެސް، ދެފަރާތުން ވެސް ލިޔެކިޔުމުން އެއްބަސްވުން ގާއިމްކުރުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކޮށް ފާހަގަ ކޮށްފައިވެއެވެ.

ހުޅަނގުގެ ސެކިއުރިޓީ އޮފިޝަލުން ބުނަނީ އަފްޣާނިސްތާނުގެ 100 އަށް ވުރެ ގިނަ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުން އަންނަނީ ތާލިބާނުން ކަމަށެވެ. ނަމަވެސް ތާލިބާނުން ދީފައިވާ މައުލޫމާތަށް ބަލާއިރު އެމީހުންގެ ބާރުގެ ދަށުގައި އަފްޣާންގެ 200 ސަރަަހައްދެއް އެބައޮތެވެ. ތާލިބާނުން އަފްޣާނިސްތާނުގެ އުތުރުގައި މިހާރު ކޭމްޕް ޖަހާފައިވާއިރު، އެ ސަރަހައްދުގެ މުހިންމު ގިނަ ޑިސްޓްރިކްޓުތަކެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ރިޕޯޓުތައް ބުނެއެެވެ. އަދި އޭގެ ތެރެއިން ބައެއް ޑިސްޓްރިކްޓްތަކަކީ ހަނގުރާމައަކާއި ނުލައި ތާލިބާނުންގެ އަަތްދަށަށް ގެނައި ސަރަހައްދުތަކެއް ކަމަށް ބުނެއެވެ.

ތާލިބާނުން ބުނީ އެމީހުންގެ ބާރުގެ ދަށުގައި އަފްޣާނިސްތާނުގެ ކިތަަންމެ ގިނަ ސަރަހައްދުތަކެއް ހުރިކަމުގައި ވިޔަސް ސުލްހަވެރި އެއްބަސްވުމެއް ގާއިމްކުރުމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ކަމަށެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ތާލިބާނާއި އަފްޣާނިސްތާނުގެ ދެމެދުގައި ގަޑު ބަޑު އުފެދިފައިވާއިރު، ސުލްހަ ގާއިމްކުރެވޭނީ ދެފަރާތުން ވެސް މަޝްވަރާކޮށް އެއްބަސްވުމެއް ގާއިމްކޮށްގެން ކަމަށް އެމެރިކާއިން ވެސް މީގެ ކުރިން ބުނެފައިވެއެވެ.