ރަޝިއާއިން ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ސްޕަޓްނިކް ވީ ވެކްސިން މެކްސިކޯގައި އުފައްދަން ފައްޓައިފިއެވެ.

ސްޕަޓްނިކް ވީ ވެކްސިންގެ ފުރަތަމަ ބެޗް މެކްސިކޯގައި ކާމިޔާބުކަމާއެކު ތައްޔާރުކޮށްފައިވެއެވެ. ރަޝިއާގެ ޑައިރެކްޓް އިންވެސްޓްމެންޓް ފަންޑް (އާރްޑީއައިއެފް)އިން ބުނީ އަޖުމަ ބެލުމަށް މެކްސިކޯގައި އުފެއްދި ވެކްސިންތައް ކާމިޔާބު ކަމަށެވެ.

މެކްސިކޯ އަކީ އުތުުރު އެމެރިކާގައި އެންމެ ފުރަތަމަ ސްޕަޓްނިކް ވީ ވެކްސިން ރެޖިސްޓްރީ ކުރި ގައުމެވެ.

މެކްސިކޯގައި ތައްޔާރުކުރި ވެކްސިން ބޭނުންކުރާނީ އެގައުމުގެ މީހުން ވެކްސިން ޖެހުމަށެވެ.

މިހާތަނަށް ދުނިޔޭގެ 67 ގައުމެއްގައި ސްޕަޓްނިކް ވީ ވެކްސިން ވަނީ ރެޖިސްޓަ ކޮށްފައެވެ. މެކްސިކޯ، އާޖެންޓީނާ، ސާބިއާ، ބަހްރެއިން އަދި ޔޫއޭއީގެ އިތުރުން ވެސް ގިނަ ގައުުމުތަކެއްގައި އަންނަނީ މި ވެކްސިން ދެމުންނެވެ.

ސްޕަޓްނިކް ވީ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ރަޝިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓަށް ބަލައި ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުން މި ވެކްސިންނުން 97.6 އިންސައްތަ ކޮވިޑުން ދިފާއުކޮށްދެއެވެ.

މިހާތަނަށް އަދި ސްޕަޓްނިކް ވީ ވެކްސިން ޖެހުމުން އެއްވެސް ގޮތަކަށް އެލާޖިކް ވެފައިވާ ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއީ އެއްތަނުން އަނެއް ތަނަށް ފޮނުވަން ބެލިޔަަސް ގެންގުޅެން ފަސޭހަ އާދައިގެ ރެފްރިޖެރޭޓަރެއްގައި ގެންގުޅެވޭނެ ވެކްސިނެކެވެ.

ރަޝިއާއިން ބުނީ ވެކްސިން އުފައްދަން ބޭނުންވާ ގައުމުތަކަށް އެކަމުގައި އެހީތެރިވާނެ ކަމަށެވެ. ނަމަވެސް، މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންގޮސް އޭގެ ވިޔަފާރި ކުރާ ނަމަ ރަޝިއާގެ ހުއްދަ ހޯދަން ޖެހެއެވެ.