ކޮވިޑް-19 އިން ދިފާއުވުމަށް ޖަރުމަންވިލާތުގެ ކުންފުންޏަކުން އުފެއްދި ކިއުވެކް ވެކްސިނުން އެކަށީގެންވާ މިންވަރަކަށް ކޮވިޑުން ރައްކާތެރިކަން ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކިއުވެކް އިން އެކުންފުނީގެ ނަން ދީގެން އުފެއްދި ވެކްސިންގެ ފުރަތަމަ ތަހްލީލްތަކުން ލިބުނު ނަތީޖާއަށް ބަލާއިރު ވެކްސިން ދިން މީހުން ކޮވިޑުން ރައްކާތެރިވުމުގެ ފުރުސަތު އޮތް ނިސްބަތް ހުރީ އެންމެ %47 ގައެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ތަހްލީލްތަކުން ލިބުނު ނަތީޖާ އަށް ބަލާއިރު މިވެކްސިން ކުރިއަށް އޮތްތަނުގައި އިތުރަށް އުފެއްދިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ކިއުވެކް އިން ބުނާ ގޮތުގައި ވެކްސިން އުފެއްދުން ހުއްޓާލަން ނިންމާނީ އަދި އިތުރަށް ތަހްލީލް ކުރުމަށް ފަހު އެވެ.

ގިނަ ސައިންސްވެރިން ބުނާ ގޮތުގައި ވެކްސިން ދިނުމުން ކޮވިޑުން ރައްކާތެރިވުމުގެ ފުރުސަތު %77 އަށްވުރެ މަތިނުވާނަމަ އެވެކްސިނަކީ އެންމެ ރަނގަޅު ވެކްސިނަކަށް ނުވާނެއެވެ.

އެމެރިކާގެ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓް ކޮށްފައިވާ ކުންފުނީގެ ވެކްސިނަކީ އެންމެ ފުރިހަމަ ވެކްސިނެއް ނޫންކަން ތަހްލީލްތަކުން ހާމަވުމާއިއެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ދިރާސާ ރިޕޯޓް އާއްމުކުރި ފަހުން މިހާތަނަށް ހިއްސާގެ އަގު %10 ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެކްސިންގެ ތަހްލީލްތަކުން ދެއްކި ނަތީޖާ އާއި ގުޅޭގޮތުން ކިއުވެކް އިން މިހާރު ދަނީ ޔޫރަޕްގެ ސިއްހަތާއި ބެހޭ އިދާރާ އާއިއެކު ވެސް މަޝްވަރާތައް ކުރަމުންނެވެ. ވެކްސިންގެ އިތުރު ތަހްލީލްތައް ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމުމުގައި މިމަޝްވަރާތަކުން ނިކުންނަ ނަތީޖާއަކަށް ވެސް ރިއާޔަތް ކުރާނެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ވަރަށް ގިނަ ބޭސް އުފެއްދާ ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ. ސަބަބަކީ ކޮވިޑަށް ވެކްސިނެއް އުފެއްދުމުގައި ކާމިޔާބު ލިބިއްޖެނަމަ އެފަދަ ކުންފުނިތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ނެރެވޭނެތީއެވެ.