ފެތުމާއި، ޑައިވް ކުރުމަކީ ވަރަށް ކުރާ ހިތްވާކަމެއް ކަމުގައިވާނަމަ، މިއީ ހަމަ ވަރަށް އުފާވެރި ހަބަރެކެވެ. އެ މީހުން ދާންވީ ތަނަކީ ދުބާއީއަށެވެ. ދުބާއީގައި މިހާރު ވަނީ ދުނިޔޭގެ އެންމެ ފުން ސްވިމިންގ ޕޫލް ހުޅުވާފައެވެ. މުސްތަގުބަލުގައި މިތަން ވެގެން ދާނީ ފަތުރުވެރިންނަށް ވަަރަށްވެސް މަޝްހޫރު މަންޒިލަކަށެވެ.

އެ ސްވިމިންގ ޕޫލްގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެ ސްވްމިންގ ޕޫލް ހުޅުވާދެއްވާފައި ވަނީ ދުބާއީގެ ވަލީ އަހުދު ހަމްދާން ބިން މުހައްމަދު އަލް މަހްތޫމެވެ. އިއްޔެގެ ވަގުތެއްގައި އެތަން ހުޅުވައިދެއްވާ އޭނާ ވަނީ މީސް މީޑިއާއަށް ފޮޓޯ އާއި ވީޑިއޯ އާއްމުކޮށްފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި ދުނިޔެ ވަނީ ޑީޕް ޑައިވް ދުބާއީގެ އިންތިޒާރުގައި ކަމަށާއި، މިއީ ދުނިޔޭގެ އެންމެ ފުން ޕޫލް ކަމަށެވެ. އަދި މި ޕޫލްގެ ފުންމިނުގައި 60 މީޓަރު (196)ފޫޓު ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީޕް ޑައިވް ދުބާއީ ހުންނަނީ ކޮންތާކު؟

ޑީޕް ޑައިވް ދުބާއީ ހުންނަނީ ނަޑް އަލް ޝެބާ ނެއިބާހޫޑްގައެވެ. އަދި އެއީ ޑައިވް ކުރުމަށް ދުނިޔޭގެ އެންމެ ފުން ޕޫލްކަން ގައިނެސް ވޯލްޑް ރެކޯޑްސްއިންވެސް ވަނީ ހާމަކޮށްފައެވެ.

 

View this post on Instagram

 

A post shared by Fazza (@faz3)

ޑީޕް ޑައިވް ދުބާއީީގެ ފީޗާތައް

އެ ޕޫލް ވެގެން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއެކު އުފައްދާފައިވާ ޕޫލަށެވެ. 60 މީޓަރުގެ ފުން އެ ޕޫލްގައި 14 މިލިއަން ލީޓަރުގެ ފެން ހުންނާނެއެވެ. އެހެންކަމުން މިއީ ފެތުންތެރިންނާއި، ޑައިވް ކުރާ ފަރާތްތަކަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

އެ ޕޫލްގެ އަޑިގައި ކެމެރާ ހަރުކޮށްފައިވާނެއެވެ. އެހެންކަމުން މުޅި ޕޫލްގެ ހުރިހާ އޭންގަލެއް އެ ކެމެރާއިން ފެނިގެން ދާނެއެވެ. އަދި ޑައިވް ކުރާ ފަރާތްތަކަށް އިތުރު ފުރިހަމަ ކަމެއް ހޯދައިދިނުމުގެ ގޮތުން، މޫޑް ލައިޓިންގ ސިސްޓަމަކާއި، އަޑުވެސް އިވޭ ގޮތަށް ހަދާފައި ވެއެވެ.

މި ތަނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބުކިންގ ހެދުމަށް ހުޅުވާލާނީ ޖުލައި މަހުގެ ފަހުކޮޅުގައެވެ. ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާނެ ކަމަަށް ބުނެފައިވާއިރު، އުމުރުން 10 އަހަރުން މަތީގެ މީހުންނަށް އެ ފުރުސަތު އޮންނާނެއެވެ. އަދި އަލަށް ފެތުމުގައި އުޅޭ މީހުންނަށާއި، ޑައިވް ކުރުމުގައި ޕްރޮފެޝަނަލް ފަރާތްތަކަށާއި، އެތްލީޓުންނަށްވެސް އެތަނަށް ޒިޔާރަތް ކުރެވޭނެއެވެ.