އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އަލިފާނާ ކުޅެމުންކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ގުދުސް ބަލައިގަނެ، އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރާކަން ރަސްމީކޮށް މިރޭ އިއުލާންކޮށްފައިވާއިރު، އައްބާސް ވިދާޅުވެފައިވަނީ އަބަދުވެސް ގުދުސްވާނީ ފަލަސްތީނުގެ ވެރިރަށްކަމުގައެވެ.

ޓީވީ މެދުވެރިކުރައްވާ އައްބާސް މިރޭ ދެއްވި ޚިތާބުގައި އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާގެ މި އަމަލު ވެގެންދާނީ އިޒްރާއީލަށް ލިބޭ އިނާމަކަށްކަމަށެވެ.

މީގެއިތުރުންވެސް، ފަލަސްތީނުގެ ރައީސް ވިދާޅުވެފައިވަނީ އެމެރިކާ އިން ނިންމި ނިންމުންތަކުގެ ސަބަބުން، އެސަރަޙައްދުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެކަމަށާއި އެކަމުގެ ސަބަބުން ފެށިގެންދާނީ ނިމުމެއް ނެތް ހަނގުރާމައެއްކަމަށެވެ.

"މި ކަންތައްތަކުގެ ސަބަބުން ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކަށް ދީނުގެ ނަމުގައި، މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް މުޅި ސަރަޙައްދަށް ގެއްލުންވާނޭ، ދުވަހަކު ނިމުމެއް ނެތް ހަނގުރާމައެއް ފަށަން އެހީއަކަށްވޭ..." އައްބާސް ވިދާޅުވެފައިވެއެވެ.

އެމެރިކާ އިން މިރޭ ނިންމި ނިންމުމާ ގުޅިގެން، ރުޅިވެރިކަމުގެ ތިން ދުވަސް ފަލަސްތީނުން އިއުލާންކޮށްފައިވާއިރު، އިޒްރޭލުގެ އަނިޔާވެރިކަން އެންމެ ގަދައަށް ތަހަންމަލުކުރަމުންދާ ގާޒާގައިދަނީ މުޒާހަރާކުރަމުންނެވެ.

ADS BY SHEESHA

ހަމައެހެންމެ، އެހެން ބައެއް ޤައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގެ ކައިރީގައިދަނީ އެމެރިކާއާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ.

2 ކޮމެންޓް

  1. މަލަކުރި ތިކިޔަނީ ފޮތް ފޮށި ކިޔަވާވާހަކަތަ....

  2. ޓްރަމްޕް ގެ ތިޔަ ނިންމުން އަނބުރާ ގެންދިއުމަށާއި އަދި ހަމަ ބިމަށް ތިރި ވުމަށް ގޮވާލަން ނޫނީ މުސްލިމުންގެ ޢިލްމުގެ ޒަރީޢާއިން ފިސާރި ހަލާކަކާއި ކުރިމަތި ލާންޖެހިދާނެ!