ނުވަ މީހުންނާއި އެކީ ސްކައި ޑައިވް ކުރަން ދިޔަ މަތިންދާ ބޯޓެއް ސްވިޑިންއަށް ވެއްޓިއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބޯޓު ވެއްޓުނުއިރު، އޭގައި ތިބީ ޕައިލެޓުންނާއި އެކީ ނުވަ މީހެކެވެ.

DHC-2 Beaverގެ މި ބޯޓު ވެއްޓިފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށް އޮރެބްރޯގެ ބޭރަށެވެ. ކަމާއި ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެ ބޯޓު ވެއްޓެން މެދުވެރިވެފައިވަނީ ނައްޓާލިތާ ކުޑައިރުކޮޅެއް ތެރޭ ރޯވެގެންނެވެ.

އެގައުމުގެ ފުލުހުން ބުނީ، ބޯޓު ވެއްޓުނު ސަރަހައްދަށް ވަރަށް އަވަހަށް ގޮސްފައި ކަމަށާއި ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ، ބޯޓުން ދަތުރުކުރި އެންމެންނަކީ އެގައުމުގެ ސްކައި ޑައިވިން ކްލަބެއްގެ ބަޔަކު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބުން އަދި ހޯދިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރޯވެފައިވާ ކަމަށެވެ. ބޯޓު ވެއްޓިފައިވަނީ ބޯޓު މާ މައްޗަށް ނާރަނީސް ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

އެކްސިޑެންޓާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ، އެފަދަ ގޮތަކަށް އެކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ބޯޓު 2،000 ފޫޓު މައްޗަށް އަރައި އެފަދަ ހާދިސާއެއް ހިނގި ނަމަ، ޑައިވަރުންނަށް ފުންމާލެވޭނެ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ވަނީ އެ ހާދިސާގައި މަރުވެ ދިޔަ މީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.