ފަލަސްތީނު ރައްޔިތުންގެ ބިންތަކަށް އިސްރާއިލުން އަތްގަދަ ކުރުމާއި، އިރުމަތީ ގުދުސްއަށް ވެރިވެގަނެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް އިސްރާއިލުގެެ ސިފައިން ހަމަލާ ދީފިއެވެ.

އިއްޔެ މުޒާހަރާ ކުރިޔަށް ދަނިކޮށް އިސްރާއިލުގެ ސިފައިން ދިން ހަމަލައިގައި 379 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއިލް ސިފައިން ދެމުން ގެންދިޔަ ބަޑީގެ ހަމަލާގެ އިތުރުން ޑްރޯން މެދުވެރިކޮށް އެ ސަރަހައްދަށް ކަރުނަ ގޭސް ޖަހާފައި ވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއިލުން ދެމުން ގެންދިޔަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޒާހަރާ ބައިވެރިން ވަނީ އިސްރާއިލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންނަށް އަމާޒުކޮށް ގަލާއި، އަނދާފައިވާ ޓަޔަރު އުކާފައިވެެއެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓްއިން މައުލޫމާތު ދީފައިވާ ގޮޮތުން އިސްރާއިލުން ދިން ހަމަލާގައި 379 މީހަކު ޒަަހަމްވެފައި ވެއެވެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިކަމާއި ގުޅިގެން އަދި އިސްރާއިލުގެ ބަހެއް ލިބިފައެއް ނުވެއެވެ.

ފަލަސްތީނާއި އިސްރާއިލުން ލަފާކޮށްފައިވާ ގޮތުން އިރުމަތީ ގުދުސްގައި ވަޒަންވެރިވެގެން އިސްރާއީލްގެ 650،000 މީހުން އުޅެއެވެ. ބައިނަލްއަޤްވާމީ ގަވާއިދުތަކުގެ ދަށުން ބެލި ކަމުގައި ވިޔަސް އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅެނީ ގަވާއިދާ ހިލާފައެވެ.

ފަލަސްތީނަށް އިސްރާއިލުން ހަމަލާދެމުން ގެންދަނީ މިދިޔަ މޭ މަހު 11 ދުވަސް ވަންދެން އިސްރާއިލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު ހަމަލާތައް ހުއްޓާލައިފައިވާ ދަނޑިވަޅެއްގައެވެ. ހަމަލާތައް ހުއްޓާލި ފަހުން ވެސް އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް މީގެ އިތުރުން ދެތިން ފަހަރެއްގެ މަތިން ހަމަލާތައް ދީފައި ވެއެވެ.