ދުނިޔޭގައި ހައިހޫނުކަން ތަހަންމަލު ކުރަން ޖެހޭ ހާލަތުގައި 155 މިލިއަން މީހުން ތިބި ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުން އަންނަ "އޮކްސްފާމް" ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިނެޓަކު 11 މީހުން ކާބޯތަކެތި ނުލިބި، ހައިހޫނުކަމުގެ ސަބަބުން މަރުވާ ކަމަށެވެ. ވޭތުވެދިޔަ އަހަރާއި އަޅައި ކިޔާއިރު، މި އަހަރު ހައިހޫނުކަމުގެ ސަބަބުން މަރުވާ މީހުންގެ އިންސައްތަ ހަ ގުނައަށް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑުގައި މަރުވާ މީހުންނަށް ވުރެ ހައިހޫނު ކަމުގެ ސަަބަބުން މަރުވާ މީހުން ގިނައެވެ. އޮކްސްފާމްގެ ރިޕޯޓުގައި ބުނާގޮތުން މިނެޓެއްގެ ތެރޭގައި ކޮވިޑުގައި މަރުވަނީ ހަތް މީހުންނެެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ކާބޯތަކެތި ނުލިބިގެން ނުވަތަ ހަށިގަނޑަށް ފައިދާވާ ފަދަ އޮއްޓަރު ހުރި ކާނާ ނުލިބި ހައިހޫނުކަން ތަހަންމަލް ކުރަންޖެހޭ ފަދަ ހާލަތުގައި 155 މިލިއަން މީހުން އެބަތިއްބެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 20 މިލިއަން ގިނަ އަދަދެކެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ހައިހޫނުކަން ތަހަންމަލް ކުރަން ޖެހިފައިވާ ފަރާތްތަކުގެ ތިންބައި ކޮށްފަ ދެބައި މީހުން އެ ވޭނާ ކުރިމަތިލާން ޖެހިފައިވަނީ ހަނގުރާމަތަކާއި ދާހިލީ އަރާރުންތަކާއި ތަޅާފޮޅުންތަކުގެ ސަބަބުންނެވެ.

އޮކްސްފާމްގެ ރިޕޯޓުގައި ކޮވިޑުގެ ސަބަބުން ކާބޯތަކެތީގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ފަރާތްތައް ގިނަކަން ފާހަގަ ކޮށްފައިވެއެވެ. އަދި ކޮވިޑާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެއްޗެހީގެ އަގުތައް ބޮޑުތަނުން އުފުލިފައިވާ ކަމަށް ބުނެއެވެ.

ދާހިލީ ހަނގުރާމަތައް ކުރިޔަށްދާ ގައުމުތަކުގައި ބޮމުގެ ހަމަލާތަކުގެ ސަބަބުން ދަނޑު ބިންތައް ސުންނާފަތިވެދެއެވެ. އޭގެ ސަބަބުން އާންމުންނަށް ކާބޯތަކެތި ނުލިބުމުގެ އިތުރުން ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ގެއްލިގެންދާކަން ފާހަގަ ކޮށްފައިވެއެވެ.

އދ. އިން އާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ދުނިޔޭގައި އެތައް މިލިޔަން ބަޔަކު ބަނޑަށް ޖެހެނީ ހަނފަސްކަމާއި ފެން ބޮޑުވުން ފަދަ މޫސުމީ ކާރިސާތަކުގެ ސަބަބުންނާއި، ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުންނާއި އަދި ހަނގުރާމަތަކާއި ދާހިލީ އަރާރުންތަކުގެ ސަބަބުންނެވެ. އަދި މި ސަބަބުތަކުގެ ތެރޭގައި ކޮވިޑް އާލަމީވަބާ ހިމަނާފައިވެއެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން މިހާރުވެސް ހައިހޫނުކަން ތަހަންމަލް ކުރަމުންގެންދާ 41 މިލިއަން މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. .......

    އެއީ މާ ބޮޑު މައްސަލައެއް ނޫނެއްނު..ވެރިންނާ މުއްސަދިން ތިބީ ފުދި އިތުރުވެގެނެއްނުދޯ...މި ރާއްޖޭގެވެސް ވެރިންނާ ހައެއްކަ މަހުޖަނުން ތިބެނީ ގައުމަށްވަންނަހާ ފައިސާއެއް ބަނޑު އަޅައިގެން ނިކަމެތި ރައްޔިތުން ފެލާލަ ފެލާލަ...ވެރިއަކު ބަލިވެއްޖެއްޔާ ބުނާކަށްވެސް ނުޖެހޭ ހުރިހާ ހަރަދެއ ސަރުކާރުން ކުރެވޭ އިރު ނިކަމެތި މީހާ ސަލާމް ޖެހީމަވެސް މިއޮންނަނީ ކޮށްނުދީފަ...ސޯސަލް މީޑިޔާގަ ޖަހައިގެން ޕްރެޝަރ އަކަށްވީމަ ކުޑަ މިންވަރެއް ދީ ނިންމާލަނީ...ވެރިންނަށާއި ވެރިންގެ އާއިލާތަކަށ ނުޖެހޭ ސޯސަލް މީޑިޔާގަ އެހީއަށް އެދި އާދޭސް ކުރާކަށް...މަ ހިތައް އަރާ މިމީހުންނަށް މުސާރަ މިދެނީ ކީއްކުރަން ބާއޭ މިހުރިހާ ކަމެއް ކޮށްދީފަ...އަހަރެމެނަށް ލިބޭ މުސާރައިން މިޖެހެނީ ހުރިހާ ކަމެއް ކުރަން...ހަމަ ހަމަ ވި ވަރުން ސަލާމަތްނުވެގެން މި އުޅެން ޖެހެނީ....