އަފްޢާނިސްތާނުގެ ބޮޑުބައި ތާލިބާނުންގެ އަތް ދަށަށް ގޮސްފައިވާ ކަމަށް ތާލިބާނުން އިއުލާންކޮށްފިއެވެ.

ހުކުރު ދުވަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަފްޢާނިސްތާނުގެ ސަރަހައްދުގެ %85 ވަނީ ތާލިބާނުންގެ އަތް ދަށުގައެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރާއެކު ލިޔެކިޔުމުން ސުލްހަވެރި އެއްބަސްވުމެއް ގާއިމްކުރަން އުޅޭ ކަމަށް ތާލިބާނުން ވަނީ ބުނެފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތާލިބާނުން ވަނީ ސުލްހައިގެ ވާހަކަތައް ދެކެވޭކަން ޔަގީންކޮށްދީފައެވެ. އަދި އެމީހުންގެ ބާރުގެ ދަށުގައި އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ހުރިކަމުގައި ނަމަވެސް ސުލްހަވެރި އެއްބަސްވުމެއް ގާއިމްކުރުމަށް ތައްޔާރަށް އޮތް ކަން އެ މީހުން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި 40 ވަރަކަށް އަހަރު ތާލިބާނާއި އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކެއް ހިނގަމުން ދާއިރު ސުލްހަ ގާއިމްކުރެވޭނީ ދެފަރާތުން ވެސް މަޝްވަރާކޮށް އެއްބަސްވުމެއް ގާއިމްކޮށްގެން ކަމަށް އެމީހުން ވަނީ ބުނެފައެވެ. ތާލިބާނާއި އަފްޢާން ސަރުކާރާ ދެމެދު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރާނީ އަންނަ މަހު ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތާލިބާނުން ވަނީ ފާއިތުވި ހަފްތާތަކުގައި އެ މީހުންގެ ބާރު އިތުރަށް ގަދަކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު އަފްޢާނިސްތާނުގެ ޖަލަކަށް ތާލިބާނުން ވަނީ ހަމަލާ ދީފައެވެ. އަފްޢާނިސްތާނުގެ ހަމަނުޖެހުން ބޮޑުވެ އެތައް ސަތޭކަ ބަޔަކު ދަނީ ރެފިއުޖީންގެ ގޮތުގައި އެ ގައުމުގެ ބޯޑަރު ހުރަސްކުރަމުންނެވެ.