ނަވާރަސަތޭކަ ހަތްދިހަ އެއް ވަނަ ޕާކިސްތާނުން، ބަންގްލަދޭޝްގެ ބަޔަކު ނައްތާލުމުގެ ބޭނުމުގައި މީހުން މެރުމާއި އިންސާނިއްޔަތާ ދެކޮޅު އަމަލުތަކެއް ހިންގާފައިވާ ކަމަށާއި އެ ޖަރީމާތައް އދ. އަށް އެނގެން ޖެހޭ ކަމަށް ކަޝްމީރު ޓެރިޓަރީއިން ބޭރު ކޮށްފައިވާ ލީޑަރު ސަރްދަރް ސައުކަތް އަލީ ކަޝްމީރީ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގައި ކުރިޔަށްދިޔަ ހަނގުރާމައިގެ ތެރޭގައި ޕާކިސްތާނުގެ މީހުން އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ހިންގާފައިވާ ކަމަށް ސައުކަތް ވިދާޅުވެފައި ވަނީ ޕާކިސްތާނާއި ދެކޮޅަށް ސްވިޒަލޭންޑުގެ ޖެނެވާ ސިޓީގައި ކުރިޔަށްދިޔަ މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުންނެވެ. ބަންގްލަދޭޝް ކޮމިއުނިޓީއަކުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕާކިސްތާނުން ހިންގާފައިވާ ޖަރީމާތަަކަށް މާފަށް އެދުމަށް ސައުކަތް ގޮވާލެއްވިއެވެ.

ޕާކިސްތާނުގެ ސިފައިން ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް ހަމަލާދިން ކަމަށާއި، އެ ހަމަލާގައި މަރުވި މީހުންނަށް ތައުޒިޔާގެ މެސެޖް ސައުކަތް ފޮނުއްވިއެވެ. އެ ހަމަލާތަކުގެ ސަބަބުން ތިން މިލިއަން މީހުން މަރުވެ، 200،000 އަންހެނުން ރޭޕްކުރި ކަމަށާއި އަދި 10 މިލިއަން މީހުންގެ ގެދޮރު ގެއްލުން ކަމަށް ބުނެފައިވެއެވެ.

ޕާކިސްތާނާއި ދެކޮޅަށް އެއްވުމުގެ ތެރެއިން ބެނާތަކާއި ޕޯސްޓަރުތަކުގައި ޕާކިސްތާނުން ހިންގި ޖަރީމާއަށް ސަމާލުކަން ދިނުމަށް ލިއެފައިވެއެވެ.

ސައުކަތް އަލީ ވިދާޅުވީ ބަންގްލަދޭޝްގެ އެތައް ބަޔަކު މަރާލާ އިންސާނިއްޔަތާ ދެކޮޅު އަމަލުތަކަށް އަރައިގެންފައިވާ ބަޔަކީ ޕާކިސްތާނުގެ ސިފައިން ކަމަށެވެ. ސައުކަތު ވިދާޅުވީ އޭރު ޕާކިސްތާނުން ހިންގި ޖަރީމާތައް އޮތީ ފަސްއަޅައި ފޮރުވިފަ ކަމަށާއި، އެ ވާހަކަތައް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.