ސީރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމާއި ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ބޭނުން ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އދ.ގެ ސަލާމަތީ މަޖިލީހުން އިތުރުކޮށްފިއެވެ.

ސީރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީ އާއި ސީރިއާއާ ގުޅޭ ސަރަހައްދީ ރޮނގު ބޭނުން ކުރުމަށް ދެވިފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވަނީ އިއްޔެއަށެވެ. އެހެން ކަމުން ސަލާމަތީ މަޖިލީހުގެ މަޝްވަރާއަށް ފަހު އިތުރު އެއް އަހަރު ދުވަހަށް އެ ރޮނގު ބޭނުން ކުރުމުގެ ހުއްދަ ވަނީ ދެވިފައެވެ.

ޗައިނާ އާއި ރަޝިއާގެ ނުފޫޒުގައި ސީރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ މަގެކެވެ.

ސީރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތުގެ ސަރަހައްދީ ރޮނގު 12 މަސް ދުވަހަށް ބޭނުންކުރުމަށް އަޔަލޭންޑާއި ނޯވޭއިން ހުށަހެޅުމުން އެތައް ހަފުތާއެއް ވަންދެން ކުރަމުންދިޔަ މަޝްވަރާތަކުގައި ރަޝިޔާއިން އެއްގަލަކަށް އަރާފައެއް ނުވެއެވެ. އެއަށްފަހު ޖުލައި މަހުގެ އަށް ވަނަ ދުވަހު ރަޝިޔާއިން ވަނީ ހަމައެކަނި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގު ހަ މަސް ދުވަހަށް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ހުށަހަޅައިފައެވެ.

ހުށަހެޅުމަށް ފަހު އެކަމާ ގުޅިގެން އެމެރިކާ އާއި ރަޝިޔާއިން މަޝްވަރާ ކޮށްފައިވެއެވެ. އަދި ރަޝިޔާއިން ހުށަހެޅި ގޮތަށް ސީރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދީ ރޮނގު 12 މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

ސީރިޔާގެ ހުޅަނގު ފަރާތުން އުތުރުގައި އޮންނަ ކުޑަ ސަރަހައްދެއްގައި އުޅޭ މީހުންގެ ތެރެއިން ތިންބައި ކޮށްފަ އެއްބައި މީހުންގެ ކެއިންބުއިމުގެ ކަންތައްތައްވެސް ބަރޯސާވެފައިވަނީ އދ. ގެ އެހީތެރިކަމަށެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ކަރަންޓުގެ ހިދުމަތާއި، ފެނާއި ކާބޯތަކެތީގެ އިތުރުން ސިއްހީ ހިދުމަތް ލިބުމުގެ ދަތިތަކާއި ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުޓްރޭސް ވަނީ ސީރިޔާގައި ހާލުގައި ޖެހިފައިވާ 3.4 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ މަޖިލީހުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މަގުތައް ބޭނުންކުރެ ވޭނަމަ އަދި އިތުރު މާލީ އެހީތެރިކަން ލިބޭ ނަމަ ސީރިޔާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.